ޚަބަރު

ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ނުހުއްޓޭނެހެން އިންތިޒާމު ހަމަޖައްސަނީ


  • އަލިފާން ރޯވީ ސްޓާފްރޫމަކާއި، ޕްރިންޓިން ރޫމް އަދި ކިލާސްރޫމެއްގައި

  • އިމާރާތް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައި

  • ކިޔެވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެކަމަށް ވަޒީރު ވިދާޅުވި

ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސްކޫލުގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެ މަދަރުސާގައި އަލިފާނުގެ ޙާދިސާ ހިނގީ ރޭ 12:30 ހާއިރުއެވެ. އަދި އަލިފާން ކޮންޓްރޯލް ކުރެވުނީ ދަނވަރު 02:00ހާއިއެވެ. ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ މި އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމް އަނދާފައެވެ. އަލިފާނުގެ ޙާދިސާ ހިނގި ސްކޫލްގެ އެ ބްލޮކް އެއްކޮށް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި އަލިފާނުގެ ހާދިސާގައި ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއްކަމަށާއި ސްކޫލަށް ލިބުނީ ވަރަށްބޮޑު ގެއްލުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަންނަ ހަފުތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިންތަކާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް ސްކޫލުގެ ކަންކަން އިންތިޒާމު ކުރާނެކަމަށެވެ.

މަޢުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.