ރާއްޖެއިން އަދާކުރަންޖެހޭ ދަރަނި އަދާކޮށްފައިވަނީ ދިވެހި މަލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ޤައުމަށް އެއްވެސް ފައިދާއެއް ނުވާ އަދި ޤައުމުގެ ހަރުމުދާ ރަހުނުކޮށްގެން ނަގާފައިވާ ދަރަނިތަކެއް ސަރުކާރަށް ދައްކަންޖެހުނު ކަމަށެވެ. އެގޮތުން މީގެ 2 އަހަރު ކުރިން ސަރުކާރާ ހަވާލުވީއިރު ބައިނަލްއަޤުވާމީ އިދާރާތަކުންވެސް ބުނަމުންދިޔައީ ރާއްޖޭގެ މާލީ ހާލަތު އޮތީ ނާޒުކު ހާލަތެއްގައިކަމަށެވެ. އެހެންކަމުން ސަރުކާރުން އެންމެ ފުރަތަމަވެސް އިސްކަމެއްދިނީ އިޤްތިޞާދުގައި ހުރި މައްސަލަތައް ހައްލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބުރާސްފަތި ދުވަހު ސުކޫކު ދައްކާ ނިންމާލީ އެއްވެސް ފައިސާއެއް ޗާޕުނުކޮށް، ޤައުމު ދަރުވާނުލާ، މުވައްޒަފުންގެ ޢިނާޔަތްތައް އުނި ނުކޮށް ރިކޯޑު މިންވަރަކަށް ރާއްޖޭގެ ރިޒާވް އިތުރުކުރަމުންކަމަށެވެ.
"އަޅުގަނޑުމެން ދަރަނި ދައްކާ ނިންމާލީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި. އަޅުގަނޑުމެން އަބަދުވެސް މިދައްކަނީ ކޮންވާހަކައެއްތޯ؟ އަޅުގަނޑުމެން ހުސްވާހަކައެއް ނުދައްކާނެ، އަޅުގަނޑުމެން އަންނާނީ ނަތީޖާއާއެކުގައި." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ކަންކަން ކުރަނީ ޤައުމީ ވިސްނުމެއްގައި ރައްޔިތުންގެ މާދަމައަށް ވިސްނައިގެންކަމަށެވެ.
އެގޮތުން ވޭޕް މަނާކުރުމާއި، ދުންފަތާއި ދެކޮޅަށް ކުރެއްވި މަސައްކަތާއި، ބޭންކަށް ޑޮލަރު މާރުކުރުމާއި، އިސްރޭލް ޕާސްޕޯޓު މަނާކުރުމަށް ނެގި ފިޔަވަޅުތަކަކީ ސިޔާސީ ފައިދާއަށްވުރެ ބޮޑަށް ގެއްލުންވެދާނެކަމަށް ގިނަ ބަޔަކު ދުށްކަންތައްތަށްނަމަވެސް އޭގެ ފައިދާ ޤައުމަށް ދުރުރާސްތާގައި ކުރާނެކަމަށް ރައީސް ވިދާޅުވެއެވެ.
ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ވަނީ ޚަލާސްކޮށްފައެވެ. މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފްއާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކައި ނިންމާފައެވެ. މި ފައިސާ ދެއްކުމާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.