ކުޅިވަރު

ހަތް އަހަރު ފަހުން އިންޑިޔާ ބަލިކުރުމަކީ ބޮޑު އުފަލެއް: ބަނގްލަދޭޝް ކެޕްޓަން


ހަތް އަހަރު ފަހުން ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ ބަލިކޮށް ތަށި ހޯދުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބަނގްލަދޭޝްގެ ކެޕްޓަން މިތޫ ޗައުދަރީ ބުނެފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ނިމުނު މުބާރާތުގެ ފައިނަލްގައި ބަނގްލަދޭޝް ތަށި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ނަމަވެސް ކެޕްޓަން ފާހަގަ ކުރި އެންމެ މުހިންމު ކަމަކީ 2019 ވަނަ އަހަރުން ފެށިގެން އިންޑިޔާ ބަލިކޮށް ތަށި ހޯދަން ބަނގްލަދޭޝްގެ ޒުވާން ކުޅުންތެރިން ދެކެމުންދިޔަ ހުވަފެނެވެ. 2024 ވަނަ އަހަރު ނޭޕާލް ބަލިކޮށް މި ތަށި ބަނގަލްދޭޝް ހޯދި އެވެ. އެކަމަކު 2019، 2022 އަދި 2025ގައި އެ ގައުމު ބަލިވީ އިންޑިޔާ އަތުންނެވެ.

"އަހަރެން މި ތަށީގެ އުއްމީދުގައި ހުންނަތާ މިހާރު ހަތަރު އަހަރު ވެއްޖެ. އެންމެ ފަހުން މި ފަހަރު ކާމިޔާބު ވެއްޖެ. މިއީ ވަރަށް ބޮޑު އުފަލެއް،" ކެޕްޓަން ބުންޏެވެ.

ބަނގްލަދޭޝް ފެހު ޕެނަލްޓީ އެމެރިކާ އަށް އުފަން ކުޅުންތެރިޔާ ރޮނަން ފޮނުވާލުމުގެ ކުރިން މުޅި ގައުމަށް އުއްމީދެއް ގެނެސްދިނީ ކީޕަރު އިސްމާއީލް ހުސައިން މާހިން އެވެ. އޭނާ ދިޔައީ އިންޑިޔާއިގެ ރިޝީ ސިންގެ ޖެހި ޕެނަލްޓީ އޭނާ މަތަކުރި އެވެ.

"ފުރަތަމަ ޕެނަލްޓީ މަތަ ކުރުމަކީ އާދަޔާ ހިލާފު އިހުސާސެއް ކުރެވުނު ކަމެއް. އަހަރެންނަށް ހީވީ އަހަރެން މި ސަލާމަތް ކޮށްދިނީ ގައުމުގެ 179 މިލިއަން މީހުންގެ އުއްމީދުތައް ކަމަށް،" މެޗަށް ފަހު މާހިން ބުންޏެވެ.

އެއްވެސް މެޗަކުން ބަލިނުވެ ބަނގްލަދޭޝް ހޯދި ކާމިޔާބީއާއެކު މާލެގެ މަގުމަތީގައި ބަނގްލަދޭޝްގެ ރައްޔިތުން އުފާފާޅު ކުރި އެވެ. އަދި އެ ގައުމުގެ ބޮޑު ވަޒީރު ތާރިގް ރަހްމާން ވަނީ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ މި ކާމިޔާބީން ދައްކުވައިދެނީ އަމިއްލަ ގައުމާއި ގައުމުން ބޭރުގައި ވެސް ބަނގްލަދޭޝް އަށް ކާމިޔާބު ހޯދިދާނެކަން ކަމަށެވެ.