20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގަ ވާދަކުރާ ބަނގްލަދޭޝްގެ ސްކޮޑު އިއުލާންކުރުމާއެކު އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން އަތުލި ކުޅުންތެރިންނަކީ 18 އަހަރުގެ ރޮނާންއާއި އޭނާގެ އެއްމާބަނޑު ބޭބެ ޑެކްލަންއެވެ.
ސަބަބަކީ މި ދެކުޅުންތެރިންނަކީ އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިންނަށްވެފައި މިއީ ފުޓުބޯޅައިގެ ހުނަރުވެރި އާއިލާއަކުން ފައްކާވަމުން އަންނަ ދެ ޒުވާނުންނަށްވުމެވެ. ސައުތު އޭޝިއާގައި ބާއްވާ މިމުބާރާތުގައި މި ދެ ކުޅުންތެރިންނަށް ބަނގްލަދޭޝް ޓީމަށް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ މައިފުށުގެ މާމައާއި ހިސާބުން އެގައުމާ ގުޅިފައިވާތީއެވެ.
މިމުބާރާތުގައި ވާދަކުރުމަށް ގަލޮޅު ދަނޑަށް އެޓީމު ނުކުންނަ ކޮންމެ ފަހަރަކީ ސަޕޯޓަރުންގެ އުންމީދުތައް އެދެބެންނާއި ގުޅިފައިވާ ފަހަރަކަށްވެއެވެ. މި ދެ ޒުވާނުންނަކީ އެމެރިކާގައި ދިރިއުޅޭ ބަޔަކަށްވެފައި ވަސީލަތްތަކާއި ތަމްރީނުތަކުގެ ގޮތުން ބަނގްލަދޭޝްއާއި ނުބައްދަލުވުމުން މުބާރާތުގެ ތަށި ދެވަނަ ފަހަރަށް ދިފާއުކުރުމަށް އެގައުމުން ދެކެމުންދާ ހުވަފެނުގައި ކުލަޖައްސާނެ ބަޔަކަށް އެ ދެބެންވާނެކަމަށް ގިނަ ބަޔަކު ޔަގީންކުރިއެވެ.
ރާއްޖެއަކީ ގިނަ އަދަދަކަށް ބަނގްލަދޭޝް ރައްޔިތުން ދިރިއުޅޭ ތަނަކަށްވުމުން އެގައުމު ކުޅުނު ކޮންމެ މެޗެއްގައި ދަނޑު ފުރާލާ ގައުމީ ޓީމަށް ހިތްވަރު ދިނުމުގައި އެގައުމުގެ ރައްޔިތުން ސާބިތުކަންދައްކާފައިވާއިރު އޭގެ ތެރެއިން ގިނަ ބައެއްގެ ފޭވަރިޓް ކުޅުންތެރިންނަށްވެފައިވަނީވެސް ސުލިވަން ބްރަދާސްއެވެ.
މިދެބެންގެ ތެރެއިން މުބާރާތުގައި ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ރޮނާންއެވެ. މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި ޖުމްލަ 360 މިނިޓްވަންދެން ވަރުބަލިކަމެއްނެތި އޭނާ ދަނޑުމަތީގައި ހިފަހައްޓާ ދެއްކި ހިތްވަރަކީ އެގައުމުގެ ކޮންމެ ރައްޔިތަކުވެސް ޝުކުރުވެރިކަމާއެކު ބަލައިގަތް ހިތްވަރެކެވެ.
އިންޑިއާ ދެކޮޅަށް ވާދަވެރި ފައިނަލް މެޗެއް ކުޅެ، އެއްވެސް ކޮޅަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން، ޕެނަލްޓީ ޖަހައިގެން މެޗުގެ ނަތީޖާ ނެރެންޖެހުނުއިރު ބަންގާޅު ޓީމަށް ތަށި ޔަގީންކޮށްދިން ކުޅުންތެރިޔަކަށްވީވެސް އެންމެފަހުން ހުނަރުވެރި ރޮނާންއެވެ.
މުބާރާތުގެ ތަށި އުފުލާލުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޒުވާން ކުޅުންތެރިޔާ ބުނެފަވަނީ މުބާރާތް ކުރިއަށްދިޔަ ގޮތާ ދޭތެރޭ ވަރަށް ހިތްހަޖެހޭކަމަށެވެ. މުބާރާތުގެ ކާމިޔާބީގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާވަނީ ލޯތްބާއެކު ފާހަގަކޮށްފައެވެ.
"މުޅި މުބާރާތުގައި ފޭނުންގެ ފަރާތުން ލިބުނު ހިތްވަރު ފާހަގަކޮށްލެވޭ. އެކަމުގެ ސަބަބުން މުބާރާތް އިތުރަށް ފުރިހަމަވި. އެފަރާތްތަކުގެ ހިތްވަރު ނުލިބުނު ނަމަ މިވަރުގެ ކާމިޔާބީއެއް ނުލިބުނީސް" ރޮނާން ބުނެފަވެއެވެ.
ބަނގްލަދޭޝްގެ އުންމީދުތަކާ ގުޅިފައިވާ ކުޅުންތެރިޔާ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އިތުރަށް ބުނެފައިވަނީ މުބާރާތާ ކުރިމަތިލިއިރަކުވެސް މާބޮޑު ޕްރެޝަރެއް ނެތްކަމަށެވެ. އަބަދުވެސް އުންމީދުކުރީ ތަށްޓާއެކު މުބާރާތާ އަލްވަދާއުކިއުމަށްކަމަށާ އެކަން ހާސިލްވުމުން ވަރަށް ބޮޑު ހިތްހަމެޖެހުމެއް ލިބިއްޖެކަމަށް އޭނާ ބުންޏެވެ.
"ޗެމްޕިއަންކަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދެވަނަ ފަހަރަށް ތަށި ދިފާއުކުރަން ނުކުތް އިރަކު މާބޮޑު ޕްރެޝަރެއް ނެތް. އަބަދުވެސް އުންމީދުކުރިން ޗެމްޕިއަންކަން ހޯދައިގެން މުބާރާތް ނިންމާލަން" ހުނަރުވެރި ކުޅުންތެރިޔާ ބުންޏެވެ.
ކޮންމެ އަކަސް ޔަގީންވާ ކަމަކީ ރޮނާން ސުލިވަންއަށް ބަނގްލަދޭޝްގެ ފުރިހަމަ އިތުބާރު އޮތްކަމެވެ. އޭނާ ސިފަކުރަމުން އެގައުމުގެ މީޑިއާއަކުން ބުނެފައިވަނީ އެއީ ޓީމަށް ބޭނުން ޖެހުނު ކޮންމެ ހާލަތެއްގައި ޓީމާއެކުވި މުހިންމު ކުޅުންތެރިއެއްކަމަށެވެ.
މުބާރާތުގައި ދެ ގޯލް ޖަހާދީ، އިތުރު ގޯލެއް ޖެހުމަށް އޭނާ އެސިސްޓްކޮށްދީފައިވާއިރު، ޕްރެޝަރު ބޮޑު އެމެޗުގައި އޭނާގެ ކިބައިން ފެނުނީ ޔަގީންކަމާއި ޖެހިލުންކުޑަކަމުގެ ސިފަކަމަށް އެގައުމުގެ ރައްޔިތުން އިއްތިފާގުވެއެވެ.
ގައުމަށް ތަށި ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއަކީ ހަމައެކަނި ކުޅުންތެރިއެއް ނޫންކަމަށާއި އެއީ ފައިޓާއެއްކަމަށް އެގައުމުން ބުނަމުންދާއިރު، މިއީ އެގައުމުގެ ފުޓުބޯޅަ ޓީމަށް މުސްތަގުބަލުގައި ގިނަ ކާމިޔާބުތަކެއް ހޯދައިދޭނެ ކުޅުންތެރިއެއްކަމާމެދަކު އެމީހުން ޝައްކެތްނުކުރެއެވެ. އެކަމުގެ އެއް ހެއްކަކީ ބަނގްލަދޭޝްގެ މީޑިއާއިން ޒުވާން ކުޅުންތެރިޔާ ބަޠަލެއްގެ ދަރަޖައިގައި ސިފަކޮށްފަވުމެވެ.
ރޮނާންގެ މިކާމިޔާބީއާ ގުޅިގެން ހަމައެކަނި އުފާކުރަމުންދަނީ ބަނގްލަދޭޝް އެކަންޏެއް ނޫނެވެ. އެދެބެން ކުޅެމުންދާ އެމެރިކާގެ ފިލެޑެލްފިއާ ޔޫނިއަން އެކަޑަމީންވެސްވަނީ ރޮނާންގެ ކާމިޔާބީ ފާހަގަކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ. މިކަމުންވެސް ޔަގީންވާކަމަކީ މިދެބެންގެ ކާމިޔާބީގައި އުފާކުރަމުންދަނީ ހަމައެކަނި ބަނގްލަދޭޝް ނޫންކަމެވެ. އެމެރިކާއިންވެސް އުފާކުރަމުން އަންނައިރު އެތައް ފޭނުންގެ ހިތްވަނީ މިދެބެން އަތުލާފައެވެ.