ޚަބަރު

އޮލިމްޕިކްސްގައި ކުޅެފައިވާ ބޯޅަތަކެއް ޖަޕާނުން ރާއްޖެއަށް


  • މިއީ އޮލިމްޕިކް ގޭމްސްގައި ބޭނުންކުރި ބޯޅަތަކެއް

  • މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ކުޅެފައިވާ ބޯޅަތަކެއް

  • ހޭންޑްބޯޅަ މޯލްޑިވްސްއިން ބުނީ މިކަން ހެޔޮހިތުން ބަލައިގަންނަ ކަމަށް

ދުނިޔޭގެ އެންމެ މަޝްހޫރު ހޭންޑްބޯޅަ ކުޅުންތެރިން ކުޅެފައިވާ ބޯޅަތަކެއް، ޖަޕާނު އެންބަސީން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާކަމަށާއި، މިކަން ހެޔޮހިތުން ބަލައިގަންނަ ކަމަށް ހޭންޑްބޯޅަ މޯލްޑިވްސްއިން ބުނެފިއެވެ.

ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ މިއީ އޮލިމްޕިކްސްގައި ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިން ކުޅެފައިވާ ބޯޅަތަކެއް ކަމަށާއި، ހޭންޑްބޯޅައިގައި ދުނިޔޭގެ ރޭންކިން އަށްބަލާއިރު ރޭންކިންގެ ވަރަށް ފަހަތުގައި އޮތް ރާއްޖެފަދަ ޤައުމަކަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

"މި ބޯޅައަކީ ވަރަަށް ވެލިއު ބޮޑު ބޯޅައެއް. އޮލިމްޕިކްސްގައި ކުޅެފައި ހުންނާނީ ދުނިޔޭގެ އެންމެ މަޝްހޫރު އެންމެ މޮޅެތި ކުޅުންތެރިން. އެ ލިބިގެން ދަނީ އޮލިމްޕިކް ގޭމްސްގައި ކުޅެފައި ހުރި ބޯޅަކޮޅެއް. އެއީ ދުނިޔޭގެ ނިސްބަތުން ހޭންޑްބޯޅައިގައި ވަރަށް ތިރީގައި އުޅޭ ގައުމަކަށް ބަލާފަ ވަރަށް ރަނުގެ ފުރުސަތެކޭ އަޅުގަނޑު ދަންނަވާނީ މިހެން ލިބުންމީ އެހެންވީމަ ވަރަށް ރީތިކޮށް ހެޔޮ ހިތުން ބަލައިގަންނަން" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ރާއްޖޭގެ ހޭންޑްބޯޅަ ވަރަށް ކުރިޔަށް ގެންދިއުމުގެ ވިސްނުމާއި ފިކުރު އެ އެސޯސިއޭޝަނުގައި އެބަހުރިކަމަށެވެ. އެހެންކަމުން މިފަދަ ފުރުސަތުތަކަކީ ވަރަށް މުހިންމު ފުރުސަތުތަކެއް ކަމަށެވެ. ވަސީލަތްތަކާއި ބޯޅަފަދަ ތަކެތި ލިބުމަކީވެސް ރާއްޖޭގެ ހޭންޑްބޯޅައިގެ ކުރިއެރުމަށް މުހިންމު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭޝިއާ ސަރަހައްދުގެ ހޭންޑުބޯޅައިގައި ރާއްޖެއިން ހަރުފަތަކަށްފަހު ހަރުފަތެއް ކުރިޔަށް ޖެހިލުމަށް ކުރާ މަސައްކަތަށް ސަރަހައްދީ ޤައުމުތަކުން އެއްބާރުލުން ހޯދުމަށް އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަދި ދިވެހި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ގުޅިގެން ބައިނަލްއަގްވާމީ މެޗު ތަޖުރިބާ ގިނަކުރުމަށް މުބާރާތްތަކުން ފުރުސަތު ހޯދައިދިނުމަށްވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.