އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕުގައި ކުޅުމުގެ އުއްމީދުގައި، ބްރެޒިލްގެ ފުޓުބޯޅަ ތަރި ނޭމާ ޖޫނިއަރ، ކަކުލުގެ ސާޖަރީއެއް ކޮށްފިއެވެ.
ފީފާގެ ބައިނަލްއަގްވާމީ ބްރޭކުގައި ނޭމާ ކަކުލުގެ ސާޖަރީއެއް ކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން އޭނާއަށް ފަރިތަކުރުންތަކުގައި ބައިވެރިނުވާކަމަށް އޭނާ ކުޅެމުން އަންނަ ބްރެޒިލްގެ ސަންޓޯސްގެ ކޯޗު، ކޫކާ ވަނީ ބުނެފައެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން ނޭމާ މި އޮޕަރޭޝަން ކުރަން ނިންމީ، ކުރިއަށް އޮތް ވޯލްޑް ކަޕަށް ފުރިހަމައަށް ތައްޔާރުވުމުގެ މަގްސަދުގައިކަމަށް އޭނާއާ ގާތް މީހުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ކޫކާ ބުނެފައި ވަނީ ނޭމާ ކޮށްފައި ވަނީ ޕީއާރުޕީ ސާޖަރީއެއް ކަމަށެވެ. ޕީއާރުޕީ ސާޖަރީ އަކީ ހުޅުތަކާއި ޓިޝޫތައް ވަރުގަދަކޮށް، ރަނގަޅުކޮށްދީ ލޭގެ ހިނގުން ރަނގަޅުކޮށްދިނުމުގެ ބޭނުމުގައި ކުރާ ސާޖަރީއެކެވެ. ސާޖަރީއަކަށްވުރެ ބޮޑަށް މިއީ ކުޑަ "ޕްރޮސީޖަރ" އެކެވެ.
ނޭމާ މި ސާޖަރީކުރި ހަމައެކަނި ބޭނުމަކީ، ވޯލްޑް ކަޕުގައި ނުކުންނަ ބްރެޒިލް ޓީމުން ފުރުސަތު ހޯދުންކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭނާގެ މިހާރުގެ އަމާޒަކީ ވޯލްޑް ކަޕް ފެށުމުގެ ކުރިން ފިޓްނަސް އެނބުރި ހޯދައި، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތަށްދާ 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ހޯދުމަށް ކޯޗު އަންޗެލޮޓީއަށް ސާބިތުކޮށްދިނުމެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އުމުރުން 34 އަހަރުގެ ނޭމާ އަކީ، ބްރެޒިލްގެ ފުޓުބޯޅަ ތާރީޚުގައި ވެސް އެ ޤައުމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. ނޭމާ ވަނީ ޤައުމީ ޖާޒީގައި ބްރެޒިލްއަށް 79 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ޤައުމީ ޖާޒީގައި ބްރެޒިލްއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކީ ވެސް ނޭމާކަން ފާހަގަކޮށްލަން ޖެހެއެވެ.