ޚަބަރު

ޖަޕާނު ތަޖުރިބާކާރުގެ ފަންނީ އިރުޝާދު ޤައުމީ ހޭންޑްބޯޅަ ޓީމަށް


  • ތަޖުރިބާ ހިއްސާ ކުރީ ޖަޕާނުގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެއް

  • ރާއްޖޭގެ ހޭންޑްބޯޅަ ކުރިއެރުވުމަށް މިފަދަ ޓްރޭނިން މުހިއްމު

ޖަޕާނުގެ ހޭންޑްބޯޅައިގެ ތަޖުރިބާކާރު މާނާ އަގާޑިއެ، ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޤައުމީ ޓީމަށް ހާއްސަ ސެޝަނެއް ނަގައިދީފިއެވެ.

ސޯޝަލް ސެންޓަރުގައި 3 ގަޑިއިރަށް ކުރިޔަށް ގެންދިޔަ މި ޓްރެއިނިން ސެޝަނަކީ ޖަޕާނު އެމްބަސީގެ އެހީތެރިކަމާއެކު ރާއްޖޭގައި ބޭއްވި ތަމްރީނު ސެޝަނެކެވެ.

ރާއްޖޭގެ ހޭންޑްބޯޅަ ކުރިއަރުވާ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް މިފަދަ ތަމްރީނު ސެޝަނެއް ހޭންޑްބޯލް މޯލްޑިވްސްއިން ހަމަޖައްސައިދިން އިރު، ޖަޕާނުގެ މާނާ އަކީ އެގައުމުގެ ޤައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ކުރީގެ މޮޅު ކުޅުންތެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ.

އެގޮތުން ކުޅުންތެރިން އިދިކޮޅު ޓީމާއި ކުރިމަތިލާއިރު ޑިފެންސާއި އެޓޭކިންގައި ގެންގުޅެންޖެހޭ ތަފާތު އުކުޅުތަކާއި ވިސްނުން ބަހައްޓަންޖެހޭ ގޮތްތައް ވަނީ ކިޔައިދީފައެވެ.

އަދި ގޭމްތެރެއަށް ވަދެ ކުޅުންތެރިންގެ ވިސްނުން ބަހައްޓަން ޖެހޭ ގޮތާއި ވާދަވެރިންނާއި ކުރިމަތިލާއިރު މިފަދަ ހަލުވި ގޭމެއްގައި ކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ކުއްލި ބަދަލުތަކާއި މޮޅުވާން ކުރަންޖެހޭ ތަފާތު ކަންކަން އޭނާ ވަނީ ކުޅުންތެރިންނާއި ހިއްސާކޮށްފައެވެ.

މި ސެޝަންގައި ބައިވެރިވި ޤައުމީ ހޭންޑްބޯޅަ ޓީމުގެ އަންހެން އަދި ފިރިހެން ކުޅުންތެރިން ބުނީ މި ސެޝަންގެ ސަބަބުން، ގިނަ ކަންތައްތަކެއް ދަސްވިކަމަށެވެ.

އެގޮތުން މެޗުތަކުގައި ކުޅުންތެރިންގެ ވިސްނުން ގެންގުޅެން ޖެހޭ ގޮތާއި ކުޅުމުގައި ގެންގުޅެންޖެހޭ ހަލުވި ހަރަކާތްތަކާއި އިދިކޮޅު ޓީމު ބަލި ކުރުމަށް ކުރެވިދާނެ މުހިންމު ކަންކަން މި ޓްރެއިނިންގ ސެޝަނުން ދަސްވިކަމަށް ކުޅުންތެރިން ބުންޏެވެ.