ޚަބަރު

އިސްރާއީލުން އަޤްޞާ މިސްކިތަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި


  • މިއީ ފަލަސްތީނު ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތުން ކަމަށް ވިދާޅުވި

  • ބައިނަލްއަޤްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލެއްވި

އިސްރާއީލުގެ އޮފިޝަލުންތަކެއް އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި އެ މިސްކިތުގެ މުޤައްދަސްކަމާއި ޤާނޫނީ ހައިސިއްޔަތު ނަގާލުމަށް ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤުތަކަށް އަރައިގަތުމުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ކުރިމަތި ކުރި ވަރަށް ބޮޑު އިހާނެތްތެރި ކަމެކެވެ. އަދި އަލްއަޤްޞާ މިސްކިތަށް ވަނުން ހަނިކުރުމާއި، ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ 'ސްޓޭޓަސް ކޯ' ނުވަތަ އޮތް ހާލަތު ދެމެހެއްޓުމަށް ގޮވާލާފައެވެ. އަދި އިސްރާއީލުން ހިންގާ އިންސާނީ ހައްޤުތަކާ ޚިލާފު އަމަލުތަކަށް އެ ގައުމު ޒިންމާދާރު ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މި ބަޔާން ނިންމާލަމުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.