ޚަބަރު

މިއަހަރުތެރޭ އީ-އިންވޮއިސް ސިސްޓަމް ތައާރަފްކުރެވޭނެ: މީރާ


  • މިއީ ޓެކްސް ނިޒާމުތަކުގައި ބޭނުންކުރަމުންދާ އެންމެ ފުރިހަމަ އެއް ސިސްޓަމް

  • ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ޓެކްސް ދައްކާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ތައާރަފްކުރާ އީ-އިންވޮއިސް ސިސްޓަމުގެ މަސައްކަތް މިއަަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ ޓެކްސް އިދާރާ މީރާއިން ވިދާޅުވީ، މި ނިޒާމަކީ ޓެކުހުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަކަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވީ، އީ-އިންވޮއިސް ސިސްޓަމަކީ ޓެކްސް ދައްކާ ފަރާތްތަކުން ގެންގުޅޭ ހުރިހާ ލިޔެކިޔުންތަކާއި މުއާމަލާތްތައް ސީދާގޮތުން މީރާއަށް ބެލޭނެ ނިޒާމެއް ކަމަށެވެ. މިއީ ދުނިޔޭގެ ތަރައްޤީވެފައިވާ ޓެކްސް ނިޒާމުތަކުގައިވެސް ބޭނުންކުރަމުންދާ އެންމެ ފުރިހަމަ އެއް ސިސްޓަމްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަމީޒާ ވިދާޅުވީ، މި ނިޒާމު ގާއިމުކުރުމަށްޓަކައި މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ދިރާސާތައް ކުރަމުންދާ ކަމަށެވެ.

"މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އަޅުގަނޑުމެން މިދަނީ މިކަމާ ގުޅޭ ފްލިމިނަރީ ރިވިއުއެއް ހަދާ އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ މޮޑެލްއަކީ ކޮބާތޯ ބަލާ ދިރާސާތައްކޮށް، އަދި އަޅުގަނޑުމެން މިކަމަށް ބޭނުންވާ އެހެނިހެން ކަންކަމަށް ތައްޔާރުވެ މިއަހަރުގެ ތެރޭގައި މި މަސައްކަތް ފަށާ، ނިންމާލުން. އަޅުގަނޑުމެންނަށް ތަންފީޒުކުރެވޭނެ މަގުސަތުގައި މަސައްކަތްތައް މި ކުރިއަށްގެންދަނީ." އަމީޒާ ވިދާޅުވިއެވެ.

މިއީ ޓެކްސް ނިޒާމު ތަރައްޤީކުރުމުގެ އެންމެ އުސްމިންގަނޑަށް ބަލާއިރު ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށްވެސް އަމީޒާ ސިފަކުރެއްވިއެވެ. އަދި އީ-އިންވޮއިސް ނިޒާމު ތައާރަފްވުމުން ޓެކްސް ދައްކާ ފަރާތްތަކަށާއި މީރާއަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބި، މުޅި ޕްރޮސެސް ހަލުވިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ޓެކްސް ނިޒާމު ޑިޖިޓަލައިޒްކޮށް، ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އަމީޒާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ގެ ފަހުން ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ނުވަތަ ގަވާއިދަށް ބޯލެނބުމުގެ މިންވަރު ދަށްވެފައިވާކަންވެސް އަމީޒާ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މިދިޔަ އަހަރުން ފެށިގެން އެ މިންވަރު މަތިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިގޮތުން އެންމެ ބޮޑަށް މައްސަލަ ދިމާވާ އިންޑަސްޓްރީތައް ފާހަގަކޮށް، އެ ފަރާތްތަކާ ގާތުން މަޝްވަރާކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވިއެވެ.