ޚަބަރު

ވީއައިއޭގެ ޓާމިނަލް 2: ޖާގަ ތަނަވަސްވެފައި ޚިދުމަތްތައް ފުރިހަމަ


  • 27 ޗެކިން-ކައުންޓަރު ޤާއިމްކޮށްފައިވޭ

  • އެރައިވަލް ހޯލުގައި 2 ބެގޭޖް ބެލްޓު ވަނީ ބަހައްޓާފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް، ޑޮމެސްޓިކް ޓާމިނަލް ނުވަތަ ޓާމިނަލް 2އަށް ބަދަލުކޮށް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

މި ބަދަލާއެކު މި ޓާމިނަލުން ދޭ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެ، ފަސިންޖަރުންނަށް ލިބޭ ލުއިފަސޭހަކަން ވަނީ އިތުރުވެފައެވެ.

އެއާޕޯޓުގެ އޮޕަރޭޝަނަށް ގެނައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ޓެކްސީ ލައިނަށް ގެނައި ބަދަލެވެ. ކުރިން ޓެކްސީއަށް އެރުމަށްޓަކައި ދުރަށް ހިނގަން ޖެހުނު ނަމަވެސް، މިހާރު ޓާމިނަލްގެ ސީދާ ކުރިމައްޗަށް ޓެކްސީތަކަށް މަޑުކުރެވޭނެއެވެ.

މީގެ ސަބަބުން ޓާމިނަލަށް ވަންނަ މީހުންނަށާއި ނުކުންނަ މީހުންނަށް އެއްވެސް ތަކުލީފެއް ނެތި ސީދާ ދޮރުމަތިން ޓެކްސީގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ޓާމިނަލަށް ވަންނައިރު ފަސިންޖަރުންނަށް އިރުޝާދު ދިނުމަށް ފްލޯ މެނޭޖްމަންޓް ސްޓާފުން އަބަދުވެސް ހަރަކާތްތެރިވާނެއެވެ.

ޗެކް-އިންގެ ޚިދުމަތް އަވަސް ކުރުމަށްޓަކައި ކުރިން ހުރި 6 ކައުންޓަރުގެ ބަދަލުގައި މިހާރު 27 ކައުންޓަރު ވަނީ ޤާއިމުކޮށްފައެވެ. އަދި ޗެކް-އިން ބެގޭޖް ބެލްޓުތަކުގެ އަދަދު 1އިން 3އަށް އިތުރު ކޮށްފައިވާއިރު، އެއާލައިންތަކުގެ ޓިކެޓިންގ ކައުންޓަރުތައްވެސް ވަނީ ބޭރުންނާއި އެތެރެއިން ފަސޭހައިން ވަދެވޭނެ ގޮތަށް ފަރުމާކޮށްފައެވެ.

މީގެ އިތުރުން، ސެކިއުރިޓީ ޗެކްއާ ހަމައަށްދާ ހިނގާ މަގުގައި އެއާޕޯޓުގެ މުއްސަނދި ތާރީޚު ދައްކުވައިދޭ ބޯޑުތައް ހަރުކޮށްފައި ހުރުމަކީ، ފަސިންޖަރުންނަށް ލިބޭނެ އިތުރު ހިތްހަމަ ޖެހުމެކެވެ.

ޑިޕާޗާ ފަޅީގައި ބޯޑިންގ ގޭޓުތަކުގެ އަދަދު 6 އަށް އިތުރު ކޮށްފައިވާއިރު، ބައިނަލްއަޤުވާމީ މަޝްހޫރު ބްރޭންޑްތަކުގެ ކާބޯތަކެތި ލިބޭނެ އައުޓްލެޓްތައްވެސް ބޯޑިންގ އޭރީއާގައި ވަނީ ޤާއިމްކޮށްފައެވެ. ހަަމަމިއާއެކު، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ އިންތިޒާމާއި، ފާޚާނާތަކުގެ އިތުރުން ކުޑަކުދިން ގޮވައިގެން ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ ފީޑިން ރޫމްތަކެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

އެރައިވަލް ހޯލްވެސް ވަނީ، އެކުއެކީގައި އޭސީކޮށް ޖާގަ ބޮޑުކޮށްފައެވެ. މިހާރު އެރައިވަލް ހޯލުގައި 2 ބެގޭޖް ބެލްޓް ހުންނައިރު، ފޮށިތަކަށް ދިމާވާ އެކި މައްސަލަތައް ޙައްލު ކުރުމަށްޓަކައި ޚާއްސަ ބެގޭޖް ސާވިސް ކައުންޓަރެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މިއީ މީގެ ކުރިން ޑޮމެސްޓިކް ޓާމިނަލުގައި ލިބެން ނުހުންނަ ޚިދުމަތެއްކަން ފާހަގަކޮށްލެވެއެވެ.

މި ހުރިހާ ބަދަލަކާއެކު ވީއައިއޭގެ ޓާމިނަލް 2އަކީ، މިހާރު ފަސިންޖަރުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ލިބޭނެ ތަނެއްކަން ފާހަގަކޮށްލެވެއެވެ.