އޭޕްރީލް 21-31 އަށް ޗައިނާގައި ބާއްވާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމު ޓްރޭނިންގ ކޭމްޕަކަށް ތައިލޭންޑަށް ފުރައިފިއެވެ.
ތައިލޭންޑުގައި ކޭމްޕްކުރާނީ 10 ދުވަހުއެވެ. މި ކޭމްޕުގެ ތެރެއިން ތައިލޭންޑު ޓީމާއެކު މެޗެއް ކުޅޭނެއެވެ. އަދި މި ދުވަސްވަރު ތައިލޭންގައި ތިބޭ އެހެން ޤައުމުތަކުގެ ޓީމުތަކާއެކުވެސް މެޗުތައް ކުޅެ ވީހާވެސް ގިނަ ތަޖުރިބާ ހޯދުމަށް ދިވެހި ޓީމުން މަސައްކަތްކުރާނެއެވެ.
މުޅިން އަލަށް ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމު މި މުބާރާތަށް ކޮލިފައިވެފައިވާއިރު، އޭޝިއަން ބީޗް ގޭމްސްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ބީޗް ހޭންޑުބޯޅަ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން އަފްޣާނިސްތާނު ތަޖުރިބާކާރު ކޯޗެއްކަމަށްވާ ޒަބީހުލް އިސްލާމް އާއި އެކު މި ޓީމު ވަނީ ކުޅުދުއްފުށީގައި ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައެވެ.
މިއަހަރު އޭޝިއަން ބީޗް ގޭމްސް ބާއްވަނީ ޗައިނާގެ، ހައިނާންގައި އޮންނަ ސަންޔާގައެވެ. މުބާރާތް ކުރިޔަށް ދާނީ 21-31 އޭޕްރީލަށެވެ.
ރާއްޖެ ހިމެނެނީ ގުރޫޕް ބީގައެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އޮމާން، ޕާކިސްތާން، ބަންގްލަދޭޝް، ތައިލޭންޑް، ޤަތަރު އަދި މޮންގޯލިއާއެވެ. ގުރޫޕް އޭގައި ހިމެނެނީ ހޯސްޓު ޗައިނާ، އިރާން، އިންޑިއާ، ބަހްރެއިން، ހޮންގްކޮންގ، ވިއެޓްނާމް އަދި ފިލިޕީންސްއެވެ.
ރާއްޖެ މި މުބާރާތުގައި ފުރަތަމަ ނިކުންނާނީ މުބާރާތުގެ ފުރަތަމަ ދުވަހު މެންދުރު 12 ޖަހާއިރު ބަންގްލަދޭޝްއާ ދެކޮޅަށެވެ. ހަމަ އެދުވަހު ހަވީރު 5 ޖަހާއިރު ބައްދަލުކުރަން ޖެހޭނީ އުރުދުން އާއެވެ. ރާއްޖެ 23 ވަނަ ދުވަހު ނިކުންނާނީ މޮންގޯލިއާއި ދެކޮޅަށެވެ. 24 ވަނަ ދުވަހު ނިކުންނާނީ އޮމާންއާއި ދެކޮޅަށެވެ.
އަދި ހަމަ އެދުވަހުގެ ރޭ ތައިލޭންޑާއި ދެކޮޅަށް ކުޅެން ޖެހޭނެއެވެ. އަރާމުކުރުމަށް ޓީމުތަކަށް 25 ވަނަ ދުވަސް ލިބޭއިރު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 26 ވަނަ ދުވަހު މެންދުރު ރާއްޖެ ނިކުންނާނީ ޤަތަރާއި ދެކޮޅަށެވެ.
ހަވަނަ އޭޝިއަން ބީޗް ގޭމްސް މުބާރާތަކީ ކޮވިޑް 19ގެ ސަބަބުން އެކި ފަހަރު މަތިން ފަސްކޮށްފައިވާ މުބާރާތެކެވެ. މި ގޭމްސްގައި 14 ކުޅިވަރެއް ހިމެނޭއިރު 63 އިވެންޓު ކުރިޔަށްދާނެއެވެ. މި ބީޗް ގޭމްސް ކުރިއަށްދާނީ ސަންޔާގައެވެ. މިއީ އޭޝިއަން ބީޗް ގޭމްސް ޗައިނާގައި ބާއްވާ ދެވަނަ ސިޓީއެވެ.