ރާއްޖޭގެ ގައުމީ ތަރައްގީގެ މަސައްކަތުގައި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން މުހިއްމު ދައުރެއް އަދާކުރާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ 55ވަނަ މިނިވަންދުވަހާއި ޤައުމީ ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ބަންގްލަދޭޝްގެ 55 ވަނަ މިނިވަންދުވަހާއި ޤައުމީ ދުވަހުގެ މުުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅު ވަނީ، 1971ވަނަ އަހަރު ބަންގްލަދޭޝްއަށް މިނިވަންކަން ލިބުނުފަހުން، ސަރަޙައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި ގުޅުމަކީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށެވެ. ޚާއްޞަކޮށް ވިޔަފާރިއާއި، ތަޢުލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިންނާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ ދާއިރާއިން ދިވެހިންނަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި އުޅޭ ބަންގަލަދޭޝްގެ ރައްޔިތުންނަކީ ޤައުމީ ތަރައްޤީގެ މަސައްކަތުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ.
"ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ބުރަ މަސައްކަތުގެ ސަބަބުން، ދެޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރޭ، އެފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ދިވެހި ސަރުކާރުން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ". ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.
ބަންގްލަދޭޝްގެ މިނިވަން ދުވަސް ފާހަގަކުރަނީ 1971 ވަނަ އަހަރު މާރިޗު މަހު 26 ވަނަ ދުވަހު ޕާކިސްތާނު ސަރުކާރުން ވަކިވެ، މިނިވަން ދައުލަތެއް ގޮތުގައި އިއުލާން ކުރުމާއި ގުޅިގެންނެވެ. މި އަހަރަކީ، ބަންގްލަދޭޝްއާއި ދިވެހިރާއްޖެއާ ދެމެދުގައި ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 48 އަހަރު ފުރޭ އަހަރެވެ.