ކުޅިވަރު

ފަސް އަންހެނުންނާއެކު ވޯލްޑް ކަޕަށް 170 ރެފްރީން


ފަސް އަންހެނުންނާއެކު އަންނަ ވޯލްޑް ކަޕުގައި ރެފްރީކަން ކުރަން ފީފާއިން 170 ރެފްރީން ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ޖޫން 11 ވަނަ ދުވަހު އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ފަށާ މުބާރާތަށް ނަގާފައިވަނީ 52 ރެފްރީންނާއި 88 އެސިސްޓެންޓް ރެފްރީންނާއި 30 ވީޑިއޯ އެސިސްޓެންޓް ރެފްރީންނެވެ. މި ހުރިހާ ރެފްރީން ނަގާފައިވަނީ ޖުމުލަ 50 ގައުމަކުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ފަސް އަންހެން ރެފްރީން ނަގާފައިވާއިރު މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ވެސް ފީފާއިން ނެގި އަދަދެވެ. މި ފަހަރު އެންމެ ގިނަ ރެފްރީން ނަގާފައިވަނީ އާޖެންޓީނާ އާއި ބްރެޒިލުންނެވެ. މިއިން ކޮންމެ ގައުމަކުން ނުވަ ރެފްރީން ވަނީ ހިމަނާފަ އެވެ.

ދެ ވަނަ އަށް އެންމެ ގިނަ ރެފްރީން ނަގާފައިވަނީ މުބާރާތް ބާއްވާ މައި ގައުމު ކަމަށްވާ އެމެރިކާއިންނެވެ. އެ ގައުމުގެ އަށް ރެފްރީއަކަށް ފުރުސަތު ދީފައިވާއިރު މެކްސިކޯ އާއި ފްރާންސް އަދި އިނގިރޭސވިލާތުގެ ހަތް ރެފްރީން ވަނީ ހިމަނާފަ އެވެ. ނެދަލޭންޑްސް އާއި އުރުގުއޭ ކުރެ ކޮންމެ ގައުމަކުން ފަސް ރެފްރީން އަދި ސްޕޭނާއި މޮރޮކޯ އަދި ގަތަރާއި ޕޮލެންޑާއި އޮސްޓްރޭލިޔާ އާއި މިސުރު އަދި ޗިލީ އާއި ވެނެޒުއޭލާ އާއި ޖަރުމަނުވިލާތާއި އިޓަލީ ކުރެ ކޮންމެ ގައުމަކުން ހަތަރު ރެފްރީން ވަނީ ނަގާފަ އެވެ. މީގެ ތެރެއިން ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ ވަނީ ވިދިވިދިގެން ތިން ވަނަ ފަހަރު ވޯލްޑް ކަޕަށް ކޮލިފައިނުވެ ކަޓާފަ އެވެ.

ކެނެޑާގެ ތިން ރެފްރީން ހިމަނާފައިވާއިރު ސްވިޒަލޭންޑާއި ކޮލަމްބިއާ އަދި ޗައިނާ އާއި ޔޫއޭއީ އައި ޖޯޑަން އާއި ސްވިޑްން އާއި ނޯވޭ އަދި ރޫމޭނިޔާ އާއި ޕޯޗުގަލް އާއި ޕެރަގުއޭ އާއި ހޮންޑިއުރަސް އާއި ސައޫދީ އަރަބިއާ އާއި އުޒުބަކިސްތާނާއި ސްލޮވީނިއާ އާއި ގެބޯން އިން ނަގާފައިވަނީ ކޮންމެ ގައުމަކުން ތިން ރެފްރީންނެވެ.

ޖަޕާނުގެ ދެ ރެފްރީއަކަށް ފުރުސަތު ލިބުނުއިރު ކޮސްޓަރިކާ އާއި ޕެރޫ އާއި އެލްސަލްވަޑޯ އާއި ނިއުޒީލޭންޑާއި ދެކުނު އެފްރިކާ އާއި ނިކަރާގުއާގެ ވެސް ދެ ރެފްރީއަކަށް ފުރުސަތު ލިބުނެވެ. އެންމެ ރެފްރީއަކަށް ފުރުސަތު ލިބުނީ އެންގޯލާ އާއި ޓްރިނިޑާޑް އެންޑް ޓޮބޭކޯ އާއި މޮރިޓާނިއާ އާއި ސޯމާލިއާ އާއި ކެމަރޫނާއި ކްރޮއެޝިޔާ އާއި ބެލްޖިއަމުންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ 48 ގައުމު ބައިވެރިކޮށްގެން ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.