ޚަބަރު

500 އަށްވުރެ ގިނަ ފެތުންތެރިންނާއެކު އޯޝަންމޭން މޯލްޑިވްސް ފަށައިފި


  • []މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވަޒީރު ރާފިއު

  • ޖުމްލަ 40 ގައުމަކުން 532 ފެތުންތެރިން ހަރަކާތުގައި ބައިވެރިވޭ

މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިޒް، "އޯޝަންމޭން ގްލޯބަލް" ގެ ރާއްޖޭގެ އެޑިޝަން ކަމަށްވާ "އޯޝަންމޭން މޯލްޑިވްސް"، ރަސްމީކޮށް ރާއްޖޭގައި ފަށައިފިއެވެ.

ކ. މާފުށީގައި، ބުރާސްފަތި ދުވަހު މި ހަރަކާތް ފަށާފައި ވަނީ، 40 ގައުމަކުން، 532 ފެތުންތެރިންނާއެކުއެވެ.

މި ހަރަކާތް ފެށުމަށް މާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.

މިއީ ކުޅިވަރުގައި ރާއްޖެއަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، ދުނިޔޭގައި ރާއްޖެއަކީ ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި މިއީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަމުން ވަޒީރު ރާފިއު ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމުގެ ބައެއްގެ ގޮތުގައި ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި އޯޝަން މޭން މޯލްޑިވްސްގެ އިވެންޓުން އެ މަގްސަދު ހާސިލުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަޝްހޫރު ފްރެންޗައިސް "އޯޝަންމޭން ގްލޯބަލް" ގެ މި ހަރަކާތް ރާއްޖޭގައި ބާއްވައި، އިންތިޒާމުތައް ކުރިއަށް ގެންދަނީ ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިންނެވެ.

މި މުބާރާތުގައި 532 ފެތުންތެރިން ބައިވެރިވާއިރު، މުބާރާތުގެ ބައިވެރިންގެ 72.37 އިންސައްތައަކީ އެހެން ގައުމުތަކަށް ނިސްބަތްވާ ފެތުންތެރިންނެވެ. އެއީ 385 ބައިވެރިންނެވެ. ބާކީ 147 ފެތުންތެރިންނަކީ ދިވެހިންނެވެ.

ރާއްޖެ ފިޔަވައި އެންމެ ގިނަ ފެތުންތެރިން ބައިވެރިވެފައިވާ އިންޑިއާއިން، 54 ފެތުންތެރިން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

ބުރާސްފަތި ދުވަހު ފެށި މި ހަރަކާތް، ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ހަރަކާތަކީ، ވިޒިޓް މޯލްޑިވްސް އިން އެންޑޯސްކޮށްފައިވާ ހަރަކާތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.