ޚަބަރު

3ވަނަ ޑިވިޝަނުގެ ޓީމަކަސް ބްލޫއިން ހޯދީ ފުރަތަމަ ޑިވިޝަން ފެންވަރުގެ މޮޅެއް: ނިއުގެ ކޯޗު


  • ބްލޫއިން ވަނީ އެފްއޭ ކަޕުން އީގަލްސް ކަޓުވާލާފައި

  • ބްލޫއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެކަމަށް ކޯޗު ބުނި

މިހާރު ކުރިއަށްދާ ރާއްޖޭގެ އެފްއޭ ކަޕުގައި ވާދަކުރާ ބްލޫ ސްޕޯޓްސް ކުލަބަކީ ތިންވަނަ ޑިވިޝަނުގައި ކުޅޭ ޓީމަކަށްވީ ނަމަވެސް، ކްލަބް އީގަލްސް އަތުން ހޯދީ ފުރަތަމަ ޑިވިޝަން ފެންވަރުގެ މޮޅެއްކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު ސްޕެއިންގެ އަންދްރޭ ފްރެންސެސްކޯ މެނުއެލް ބުނެފިއެވެ.

އެފްއޭ ކަޕުގައި އީގަލްސްއާ ދެކޮޅަށް ކުޅެ ބްލޫ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ބްލޫ އިންކަން ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކު ބްލޫއިން އެފްއޭ ކަޕުގެ ސެމީގެ ޖާގައެއް ހޯދިއިރު ސެމީގައި ބްލޫ ކުޅޭނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ނިއުއިން ސެމީގެ ޖާގައެއް ހޯދީ އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް 0-4 ގެ ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މުބާރާތުގެ ސެމީގައި ބްލޫއާ ދެކޮޅަށް ކުޅެންޖެހޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު އަންދްރޭ ބުނީ، މި މުބާރާތުގައި "ފަސޭހަ" އެއްވެސް މެޗެއް ނޯންނާނެ ކަމަށެވެ.

އެކަން، ޕެނަލްޓީ ޖަހައިގެން ނަމަވެސް، މޮޅު ކުޅުމެއް ދައްކައި އީގަލްސްއަތުން ބްލޫއިން ހޯދި މޮޅުން ވެސް ހާމަވާކަމަށް ކޯޗު އަންދްރޭ ބުންޏެވެ.

"މި މުބާރާތުގައި ފަސޭހަ އެއްވެސް މެޗެއް ނޯންނާނެ. ޕެނަލްޓީ ޖަހައިގެން ބްލޫއިން މޮޅުވި މެޗު އަހަރެން ބެލިން. އެއީ ވަރަށް ރަނގަޅު ޓީމެއް. ތިންވަނަ ޑިވިޝަންގެ ޓީމަކަށް ވިޔަސް އެއީ މައްސަލައެއް ނޫން. އަހަރެން ދެކޭ ގޮތުގައި އެމީހުން އެ ހޯދީ ފުރަތަމަ ޑިވިޝަން ފެންވަރުގެ މޮޅެއް. އަހަރުމެންގެ (ސެމީ ފައިނަލް) މެޗު އުނދަގޫވާނެކަން އޭގެއިން އެ އިނގެނީ". ސެމީ ފައިނަލުގައި ބްލޫއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު އަންދްރޭ ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ބްލޫ ސްޕޯޓްސް ކުލަބަކީ، ނިއުއަށް ކުރިމަތިވި ސަސްޕެންޝަނާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި އުފެދުނު ޓީމެކެވެ. ބްލޫގެ މެނޭޖްމަންޓުގައި މިއަދު ތިބީ، އޭރު ނިއުރޭޑިއަންޓުގެ އިސް ސަފުގައި ތިބި ފަރާތްތައްކަން ފާހަގަކޮށްލަން ޖެހެއެވެ.