ޓޮޓެންހަމުގެ ކުޅުންތެރިން ތިބެނީ ރެލިގޭޓްވެދާނެތީވެ ބިރުން ކަމަށް ކޯޗު ރޮބާޓޯ ޑިޒާބީ ބުނެފި އެވެ.
ހުސްވި ހަފުތާގައި ޓީމާ ހަވާޅުވި ކޯޗުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް ބަލިވީ ސަންޑަލޭންޑް އަތުން 1-0އިންނެވެ. މިއާއެކު ޓޮޓެންހަމް މިވަގުތު އޮތީ އެންމެ ފުލަށް ދާ ތިން ޓީމުގެ ތެރޭގަ އެވެ. އެއީ 30 ޕޮއިންޓާއެކުގަ އެވެ.
1977ގައި ރެލިގޭޓްވި ފަހުން ޕްރެމިއާ ލީގުގައި ދެމި އޮތް ޓީމުގެ ކޯޗު ބުނީ މިއީ މޮޅުވެވޭނެ މެޗެއް ކަމަށާއި ޓީމުގައި އެފެންވަރު އެބަހުރި ކަމަށެވެ.
"އަހަރެންގެ އުމުރަކީ 46. ކުޅުންތެރިންނަށްވުރެ އަހަރެން ތަޖުރިބާ ހުންނާނެ. މި ޓީމުގައި ފެންވަރު އެބަހުރި. އެކަމަކު ނަތީޖާ ނުނެރެވުނީ ކުޅުންތެރިން ރެލިގޭޓްވެދާނެތީވެ މާބޮޑަށް ބިރުން ތިބޭތީވެ. އަހަރެންގެ ކޯޗުކަމުގެ އެންމެ މުހިންމު އެއް ކަމަކީ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ހިތްވަރު ދިނުން. މިވަގުތު އެކަމަށް ހުރަސްތަކެއް އެބަހުރި. ސަބަބަކީ ސީޒަނުގައި ބާކީ ފަސް މެޗު އޮތުން،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ޓޮޓެންހަމުގެ ޓީމަށް ބަލާއިރު މި ސީޒަނުގައި ވެސް ކުޅުމުގެ ސްޓައިލާއި ޓީމު ވޯކް ރަނގަޅު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަހަރުމެން މި މެޗަށް ނުކުތީ ވެސް ކުޑަކުޑަ ބަދަލުތަކަކާއެކު. ބޯޅައާއެކު ދެ ތިން ކަމެއް މެޗުގެ ކުރިން ކުރެވުނީ. އަހަރެންގެ މަސައްކަތަކީ މި ޓީމުގެ ކުޅުމުގެ ސްޓައިލް ބަދަލު ކުރުން. އެކަމަކު އެކަމަށް ވަގުތު ނަގާނެ. އެންމެ މުހިންމު ކަމަކީ އަހަރުމެން ކުރިއަށް އޮތް ފަސް މެޗުން ނަތީޖާ ހޯދުން،" ކޯޗު ބުންޏެވެ.
ޕްރެމިއާ ލީގު ނިމޭއިރު 20 ޓީމުގެ ތެރެއިން އެންމެ ފުލަށްދާ ތިން ޓީމު ރެލިގޭޓްވާނެ އެވެ.