އަރަބި ބަހާ އުރުދޫބަހުން އުފެދިގެން ސާންސްކްރިތު ބަހުން އައި ދިވެހި ބަހަކީ ވާހަކަ ދެއްކުމަށާ ލިޔުމަށާ، ކިޔުމަށް އަދި ބުނެދިނުމުގެ ހަމަތަކެއް ހިމެނޭގޮތައް އޮތް ބަހެކެވެ. އެހެންނަމަވެސް ބަސް ބޭނުން ކުރުމުގައި ވިސްނާލުން މުހިންމު ކަންތައްތަކެއް ވެއެވެ. ދިވެހި ބަހުގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުގެ މިހާރުގެ އެންމެބޮޑު ކަންބޮޑުވުމަކީ ބަަސް އޭގެ އަސްލުމާނަ އޮޅޭގޮތަށް އިނގިރޭސިބަހާ މަސްހުނިކޮށްގެން ވާހަކަދެއްކުމެވެ.
ދިވެހިބަހުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރުގެ މިދުވަސް މިއަދު ފާހަގަކުރާއިރު، ދިވެހިބަހުގެ އެކެޑަމީން މިއަހަރުގެ މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޤައުމިއްޔަތު ދިރުވާން ސާފު ދިވެހިބަހުން ވާހަކަދައްކާ" މި ޝިޢާރެވެ. ދިވެހި ދުވަސް ފާހަގަކުރަނީ ރާއްޖޭގެ އެންމެ އުފެއްދުންތެރި އަދީބުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދުވަހާ ގުޅުވައިގެންނެވެ.
ދިވެހިބަހަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހިންގެ ސަގާފަތާއި ދިވެހިންގެ އުޅުންތަކާއި ގުޅުންތައް ގުޅުވައިދޭ މެދުވެރިޔާއެވެ. ދިވެހިންގެ އަސްލުވަންތަކަމުގެ އެންމެ މުހިންމު އެއް ބަހާއަކީވެސް އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިބަހެވެ.
ދިވެހިބަހަކީ ދިވެހީންގެ ފަޚުރެވެ. އެހެންނަމަވެސް އަންނަންއޮތް ޖީލުތަކަށް ދިވެހިބަސް ފުރިހަމައަށް ރައްދުނުކުރެވިދާނެކަމުގެ ބިރު މިއަދު އެބައޮތެވެ. ދިވެހިބަސް ވަޅުޖެހި، ދިވެހިބަސް ނެތެމުންދާކަމުގެ ވާހަކައަކީ މިހާރު އާންމު ވާހަކައެކެވެ. ޚާއްސަކޮށް އަދުގެ ޒުވާނުންނާއި ކުޑަކުދިން ދިވެހިބަހަށްވުރެ އިނގިރޭސިބަހަށް ފަރިތަވުމަކީ ދެކޮޅުނުހެދޭނެ ހަޤީގަތެކެވެ.
ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ޕީއެސްއެމް ނިއުސްއަށްދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހި ބަހުގެ މުދައްރިސް އަދި ފުރަމާރަ އެކެޑަމީގެ ކޯ ފައުންޑަރ، ޝިމްލާ ވިދާޅުވީ، އަދުގެ މުޖުތަމަޢުގައި ބެލެނެވެރިންނާއި ދަރިވަރުންނާއި ދެމެދުވެސް ވާހަކަދެކެވެނީ އާންމުކޮށް އިނގިރޭސިބަހުންކަމަށެވެ. ނަމަވެސް މިއީ ބެލެނެވެރިން ވިސްނާލަން ޖެހޭކަމެއްކަމަށާއި، މިއީ ބަހަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ޝިމްލާ ވިދާޅުވިއެވެ.
"ހަގީގަތުގެ އިނގިރޭސި ބަހުންނެއްވެސް ނޫން ވާހަކަދައްކަނީ. އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޑުއިވޭނެ އިނގިރޭސި ބަހާއި، ދިވެހިބަސް މަސްހުނިކޮށްގެން އެއްވެސް ބަހަކަށް ނުވާކަހަލަ ބަހަކުން ބެލެނެވެރިންވެސް ދަރިވަރުންނާ ވާހަކަދައްކާތަން. އޭގެ އަސަރު އެބަފެނޭ. އޭގެސަބަބުން އައު ބަހެއް އުފެދިގެން މި އަންނަނީ." ޝިމްލާ ވިދާޅުވިއެވެ.
ކަންމިހެން އޮތްނަމަވެސް އަދުގެ މުޖުތަމަޢުންވެސް ދިވެހިބަހަށް ލޯބިކުރާ، ދިވެހިބަހަށް ޝައުޤުވެރިވާ ކުދިންވެސް ތިބިކަން ޝިމްލާ ފާހަގަކުރެއްވިއެވެ. ޝިމްލާ ވިދާޅުވީ، އަދުގެ މުޖުތަމަޢުން، ޚާއްސަކޮށް ޒުވާން ބެލެނެވެރިންގެ ފަރާތުން ބަސްކުރިއަރުވަން ބޭނުންވާކަމުގެ ނިޝާންތައްވެސް ފެންނަމުންދާކަމަށެވެ.
އެގޮތުން 2 އަހަރާއި 3 އަހަރުގެ ކުދިންވެސް ސާފު ދިވެހި ބަހުން ވާހަކަދައްކާ މަންޒަރު ފެންނަކަމަށާއި، ޅަ ޢުމުރުގައި ދަރިވަރުންގެ ހިތްތަކުގައި ބަހަށް ލޯބިޖެއްސުމުގައި ބެލެނެވެރިންގެ ދައުރު ބޮޑުކަން ޝިމްލާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދާނެ ވަރަށްފަހުގެ ޅަ ބެލެނެވެރިންގެ ފަރާތުން ފެނިގެންއެބަދޭ ބޭނުންވާޚަން ދިވެހިބަސް ކުރިއަރުވަން. އެބަ ވިސްނޭ ކަންނޭގެ މިވަނީ ކީއްކަން. ބައެއްކުދިން އެބަފެނޭ ވަރަށް ރީތިކޮށް ދިވެހިބަހުން ވާހަކަދައްކާ ކުދިން. 2އަހަރުގެ 3 އަހަރުގެ ކުދިން. އެހެންވީމަ މަޑުމަޑުން އޭތި ބަދަލުވާން އުޅޭ. މީގަ ބެލެނެވެރިންގެ ދައުރު ވަރަށް ބޮޑު" ޝިމްލާ ވިދާޅުވިއެވެ.
އަދުގެ ހާލަތަށް ބަލައި، ދިވެހިބަސް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ދިވެހިބަހުން ވިސްނާ ޖީލެއް ބިނާކޮށް، ބަހުގެ ޢިލްމު އުނގެނުމަކީ މުހިންމުކަމެއްގެ ގޮތުގައި ބަހުގެ މާހިރުން ޤަބޫލުކުރައްވައެވެ. ޚާއްސަކޮށް ކުޑަކުދިންނާއި، ޒުވާނުން މުޢާމަލާތްކުރުމުގައި ސާފު ދިވެހި ބަހުން ވާހަކަދެއްކުމަށް ފަރިތަވާންޖެހެއެވެ.
ދިވެހިބަސް ދިރުވައޮި އާލާކުރުމަށާއި، ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ދެމެހެއްޓުމަކީ ސަރުކާރުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ދިވެހިބަހާ ބެހޭ ވުޒާރާއިން އަންނަނީ ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ދިވެހިބަހަށް އިސްކަންދީ، ބަސް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރައްވަމުން އަންނައިރު، ބަހަށް އަހުލުވެރިވުމަށް އަޅުގަނޑުމެންވެސް ސަމާލުވާންޖެހެއެވެ. ދިވެހިންނަށް ލިބިފައިވާ ދިވެހިވަންތަކަން ދެމެހެއްޓޭނީ އޭރުންނެވެ. އެހެންނޫންނަމަ، ދިވެހީންނަށް ލިބިފައިވާ މި ތަރިކަ ދިވެހީންގެ އަތުން ބީވެދިއުމަކީ ދުރުގައި އޮތްކަމަކަށް ނުވެދާނެއެވެ.