މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.
ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ޙައްޖު ޢުމްރާއަށް ދިޔުމުގެ ފުރުޞަތު ސަޢުދީ ސަރުކާރުން މިހާރު ނުދޭކަން ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ.
ޙައްޖު މޫސުމަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މީހުން އެއްވާ ދުވަސްވަރެއްކަމުން، ނުރައްކާތެރި ޖަރާސީމުތަކުން ރައްކާތެރިވުމަށް ޚާއްސަ ވެކްސިންތަކެއް ޖެހުމަށްވަނީ ކަނޑައަޅާފައެވެ. ޙައްޖަށް ދާ ފަރާތްތަކުން ކޮންމެހެން ޖަހަންޖެހޭ 3 ވެކްސިނެއް ހިމެނެއެވެ. އެގޮތުން މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ އަދި އޯރަލް ޕޯލިއޯ ވެކްސިން ފުރިހަމަކުރަންޖެހެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އަދިވެސް ބައެއް ފަރާތްތަކުން ވެކްސިން ފުރިހަމަ ނުކުރާކަމަށެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ ވީއެންމެ އަވަހަކަށް ޙައްޖަށް ދާ ބޭފުޅުން ވެކްސިން ފުރިހަމަ ކުރެއްވުން. މިވެކްސިންތައް ނުޖައްސަވާނަމަ ސަޢުދީއަށް އެތެރެ ނުވެވޭނެ." ޝަކީލް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މިހާތަނަށް 60 އަކަށް މީހުން ވެކްސިން ފުރިހަމަ ނުކުރާކަމަށެވެ. އެހެންކަމުން އެފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.
ވެކްސިން ދުރާލާ ފުރިހަމަ ކުރުމަކީ މުހިއްމުކަމެކެވެ. ބައެއް ވެކްސިންތަކާއެކު ހުމާއި ރޯގާގެ އަސަރު ބައެއް ފަރާތްތަކަށް ކުރެއެވެ. އެހެންކަމުން އެފަދަ އުނދަގޫ ތަކުން ޙައްޖަށް ފުރުމުގެ ކުރިން ރަނގަޅުވެ ތައްޔާރުވުމަށްވެސް ވަގުތު ބޭނުންވާނެއެވެ.
ވެކްސިންގެ ފައިދާ އެންމެ ރަނގަޅަށް ކުރުމަށްޓަކައި ދުރާލާ ވެކްސިން ޖަހަންޖެހޭކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. އެހެންކަމުން ވަގުތު ކައިރި ވުމުގެ ކުރިން ވެކްސިން ފުރިހަމަ ކުރުމަކީ ކޮންމެ ޙައްޖަށްދާ ފަރާތްތަކުން ސަމާލުވާންޖެހޭކަމެކެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގައެވެ. 4 ފްލައިޓުގައި ޙައްޖަށް މީހުންދިޔުމަށް ހަމަޖެހިފައިވާއިރު އެޑްވާންސް ޓީމު މިއަންނަ މަހުގެ 4 ވަނަ ދުވަހު މައްކާއަށް ފުރުމަށްވަނީ ހަމަޖެހިފައެވެ.