ކުޅިވަރު

ބާސެލޯނާ ކަޓުވާލައި އެތްލެޓިކޯ ސެމީ އަށް


ދެ މެޗުގެ ޖުމުލަ އެގްރީގޭޓުން 3-2އިން ބާސެލޯނާ ކަޓުވާލައި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް ދަތުރު ކޮށްފި އެވެ.

ބާސެލޯނާގެ ދަނޑުގައި 2-0އިން މޮޅުވި ޓީމު ކޮޅަށް މި މެޗުގެ ފުރަތަމަ 26 މިނިޓްގައި ދެ ގޯލު ޖަހައި ބާސެލޯނާ ކުރި ހޯދި އެވެ. ނަމަވެސް 31 ވަނަ މިނިޓްގައި ލުކްމަން ޖެހި ގޯލުން އެތެލެޓިކޯ މެޗުގެ ކޮންޓްރޯލް ހޯދަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފުގައި ބާސެލޯނާ އަށް އެއްގޮތަކަށް ވެސް ނުކުޅެވުނެވެ. އަދި މެޗު ނިމެން 10 މިނިޓަށް ވެފައިވަނިކޮށް ޑިފެންޑަރު އެރިކް ގާސިއާ އަށް ރަތްކާޑު ދައްކައި ފޮނުވާލި އެވެ.

ކޯޗު ހަންސީ ފްލިކް މެޗަށް ފަހު ބުނީ މެޗު އުނދަގޫވާނެކަން އެނގޭ ކަމަށާއި ފުރުސަތު ލިބި ބަލިވީ ހެދުނު ކުދިކުދި ގޯސްތަކަކުން ކަމަށެވެ.

"އަހަރުމެންނަށް ފުރަތަމަ ހާފު ވަރަށް ރަނގަޅަށް ކުޅެވުނު. ދެ ގޯލަށްވުރެ އިތުރަށް ވެސް ޖެހޭނެ. އެކަމަކު ބައިކޮޅަށް ވަން ގޯލާއެކު މެޗު ބަދަލުވި. އެންމެ ފަހުން ނަތީޖާ މިއޮތީ ފެންނަން. މިއީ ފުޓްބޯޅަ ކޮންމެ ގޮތެއް ވެސް ވެދާނެ. އަހަރުމެން ދެން އަމާޒު ހިފާނީ ސްޕެނިޝް ލީގް ކާމިޔާބު ކުރަން. އެއީ ފަސޭހަ މުބާރާތެއް ނޫން،" ކޯޗު ބުންޏެވެ.

އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނޭ ބުނީ އޭނާގެ ޓީމު ކޮޅަށް ހަތަރު ވަނަ މިނިޓްގައި ލަމީން ޔަމާލް ޖެހި ގޯލުގެ ސަބަބުން މެޗު އުނދަގޫވާން ފެށި ކަމަށާއި އަދި 26 ވަނަ މިނިޓްގައި ފެރަން ޓޮރޭޒް ޖެހި ގޯލާއެކު ނަތީޖާ ހަމަހަމަވީ ޓީމު ހަމަޔަކަށް ނޭޅި އުޅެނިކޮށް ކަމަށެވެ.

"އެކަމަކު އަހަރުމެން ވާނީ އެ މީހުންގެ ހަމަލާ އުފެއްދުން ފަހު ހާފުގައި މުޅިން ހުއްޓުވާފައި. މިއާއެކު އަހަރުމެންނަށް މެޗުގެ ކޮންޓްރޯލް ލިބެން ފެށި. މިއީ އަހަރުމެންނަށް ހައްފގު ކާމިޔާބީ އެއް،" ކޯޗު ބުންޏެވެ.

މި މެޗުގެ ކުރިން ބާސެލޯނާއިން ވަނީ އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގެ ވިނަގަނޑުގެ މައްސަލަ ޖައްސައިފަ އެވެ.
ނަމަވެސް މިކަން ބެލުމަށްފަހު ޔޫއޭފާއިން ނިންމީ ދަނޑުގެ ވިނަގަނޑު ކުޑަކޮށް ކޮށާލައި ތެތްކަން އިތުރުކޮށްލުމަށެވެ.
މިއީ މި ސީޒަނުގައި އެތްލެޓިކޯއިން ބާސެލޯނާ ކަޓުވާލި ދެ ވަނަ މުބާރާތެވެ. ކޮޕާ ޑެލްރޭގެ މުބާރާތުން ބާސެލޯނާ ކެޓީ ވެސް އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެގެންނެވެ.