މޯލްޑިވިއަނުން ދަތުރުތައް އަންނަ މަހު އޮސްޓްރޭލިއާއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މުޅިން އަލަށް މޯލްޑިވިއަނުން ފަށާ ދަތުރުތަކެކެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ ދަތުރުތައް އަންނަ މަހުގެ 17ގައި އޮސްޓްރޭލިއާއަށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް މޭ 17ގައި ދަތުރުކުރުމަށްފަހު އޮސްޓްރޭލިއާއިން އަނބުރާ ރާއްޖެއަށް މި ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މޭ 19ވަނަ ދުވަހުއެވެ.
މި ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ މެލްބާންއަށެވެ. ހަފުތާއަކު 1 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް މާރިޗު މަހުގެ 19ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.
މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ.
މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު އޮސްޓްރޭލިއާއިން ރާއްޖެއަށް 6526 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %1.4 އިތުރު އަދަދެކެވެ.