ޚަބަރު

ބުރު ބަލިކޮށް ޓީސީ ފައިނަލަށް


  • މެޗުން ޓީސީ މޮޅުވީ 0-2 އިން

  • މެޗުގައި ޓީސީގެ ދެ ލަނޑު ވެސް ޖަހައިދިނީ ޕްރިންސް

އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު، ޓީސީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ވަރަށް ވާދަވެރި ކުރިމަތިލުމެއް ފެނިގެންދިޔަ މި މެޗުގައި ބުރުގެ މައްޗަށް ޓީސީން ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު، ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ވެސް، ދެ ޓީމަށް ވެސް ލަނޑެއް ޖަހައި ލީޑުނަގަން ފުރުސަތު ލިބުނެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެޓޭކިން ގޭމެއް ކުޅުނީ ބުރުންނެވެ.

އެހެންނަމަވެސް ދެވަނަ ހާފަށް ޓީސީ ނުކުތީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ބޮޑުބައިގައި ބުރުން ޓީސީގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބީ ހޯދި ނަމަވެސް، ޓީސީން ބުރުގެ ގޯލު ފޫއަޅުވާލައި ފުރަތަމަ ލަނޑުޖެހީ 64 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް، ބޯޑޫ ޕްރިންސެވެ.

އެ ލަނޑަށްފަހު ވެސް ވަރުގަދަކޮށް ފެނިގެންދިޔައީ ޓީސީއެވެ. ކުރިއަށް ޖެހި އިތުރު ލަނޑެއް ޖެހުމަށް ޓީސީގެ އިބްރާޙީމް ޖިމޯއަށް ވެސް ހުސް ފުރުސަތެއް ލިބިގެންދިޔައިރު، ބުރުގެ ބިދޭސީ ފޯވާޑް ހަޑްސަން އާއި ޑިއާނޭ އަށްވެސް ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔައެވެ.

މެޗުގައި ނަތީޖާ ހަމަހަމަކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހަޑްސަން އަށެވެ. އޭރިއާ ތެރެއިން މެޗުގެ 75 ވަނަ މިނެޓުގައި އޭނާއަށް، ޓީސީގެ ކެޕްޓަން ހަސަން އީނާޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ހަޑްސަން ފޮނުވާލި ނަމަވެސް، ޓީސީގެ ބިދޭސީ ކީޕަރު ޑެނިއެލް އިމެނުއަލް ވަނީ ހުށިޔާރުކަމާއެކު މި ޕެނަލްޓީ ދިފާއުކޮށްފައެވެ.

މެޗުގައި ޓީސީން ދެވަނަ ލަނޑުޖެހީ މެޗުގެ އިތުރުވަގުތުގެ ފަހުކޮޅުއެވެ. ފަސް މިނެޓު އިތުރުވަގުތުގެ ގޮތުގައި ދެއްކި ނަމަވެސް އެއަށްވުރެ ގިނަ ވަގުތު މެޗުގައި ކުޅެފައިވެއެވެ. ޓީސީން ލީޑުފުޅާކުރީ 90 މިނެޓު ހަމަވެ ދެއްކި އިތުރުވަގުތުގެ ހަވަނަ މިނެޓުގައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޕްރިންސެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ދެ ޓީމު އެންމެފަހުން ބައްދަލުކުރި މެޗުން ވެސް މޮޅުވެފައި ވަނީ ޓީސީއެވެ. އެއީ ދިވެހި ލީގުގައި ކުޅުނު ފަހު މެޗުގައެވެ.

އެފްއޭ ކަޕުގެ ސެމީގައި ޓީސީން ބުރު ބަލިކޮށް ހޯދި މޮޅާއެކު އެ ޓީމުން ފައިނަލްގެ ފަހު ޖާގަ ހޯދިއިރު، މިއީ އަހަރުތަކަކަށްފަހު ޓީސީން ދިވެހި މަތީ ޑިވިޝަނުގެ މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ފަހަރުގެ މުބާރާތުގައި ޓީސީއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ނިއުއިން ފައިނަލުގެ ޖާގައެއް ހޯދީ ކުއާޓަރ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން މޮޅުވެގެން، ސެމީ ފައިނަލުގައި ބްލޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ވެސް ކުރިހޯދައިގެންނެވެ. މި ދެ މެޗުން ނިއު އިން ޖުމްލަ 11 ލަނޑު ކާމިޔާބުކޮށްފައިވާއިރު ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެރެއެވެ. ހަމަ އެ ދުވަހު ހަވީރު، ތިންވަނަ ހޮވާ މެޗުގައި ބުރާއި ބްލޫ ސްޕޯޓްސް ކުލަބު ބައްދަލުކުރާނެއެވެ.