ޚަބަރު

ކާޑުގެ ސަބްސިޑީއެކީގައި ކަނޑާލަފައެއް ނުވޭ - ރައީސް އޮފީސް


ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލީކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކިނަމަވެސް ސަބްސިޑީ އެކުގައި ކަނޑާލާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްޙުރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސްކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޒުހޫރުއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކާޑުގެ ބާވަތްތައް އެސްޓީއޯއިން ރައްޔިތުންނަށް ވިއްކީ، އެކަމަށް ސަރުކާރުން 70 އިންސައްތަ އާއި 65 އާ ދެމެދުގެ ސަބްސިޑިއެއް ދެއްވައިގެންކަމަށެވެ. އަދި ސަބްސިޑީ ދެއްވާ އުސޫލަށް ބަދަލު ގެންނެވި ނަމަވެސް ސަބްސިޑީޒް ލިބެންޖެހޭ މިންގަނޑަށް ފެތޭ މީހުންނަށް ކާޑުގެ ސަބްސިޑީޒްގެ ނިސްބަތަށްވާ ފައިސާ، ސަރުކާރުން ދެއްވާނެކަމަށެވެ. އަދި ދިވެހިންގެ ތެރެއިން ސަބްސިޑީ ޙައްޤުވާ ފަރާތްތަކަށް އަބަދުވެސް ސަބްސިޑީއާއި އެހެނިހެންވެސް އެހީތެރިކަން ސަރުކާރުން ދެއްވަމުންދާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރވަނީ ދެއްވާފައެވެ. 

ސަބްސިޑީޒް ދެވޭ މިންގަނޑަށް ފެތޭ ފަރާތްތަކަށް، ބޮލަކަށް ކޮންމެ މަހަކަށް 40 ރުފިޔާގެ ސަބްސިޑީޒްްއެއް ދެއްވުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސަބްސިޑީޒް ނުހިމަނުއްވައި، އެކަށައެޅުއްވި ކާޑުގެ އަގުތައް ޢާންމުކޮށް އިޢުލާންކުރައްވާފައިވާ ކަމަށާއި އެ އަގަށްވުރެ އަގުބޮޑުކޮށް ހަނޑުލާއި ހަކުރާއި ފުށް ނުވިއްކުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ދިވެހި ސަރުކާރުން ރައްޔިތުންނަށް ބޮޑު ހޭދައެއް ކުރައްވައިގެން ދެއްވަމުންދާ ސަބްސިޑީގެ ބޭނުން ރާއްޖެ އަންނަ އެހެން ޤައުމުތަކުގެ މީހުންނަށްވެސް މިހާތަނަށް ލިބެމުން އައިސްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ، މިހާތަނަށް ރާއްޖޭގައި ސަބްސިޑީ ބޭނުންކުރަމުން އައި އެންމެންނަކީ، އެ ސަބްސިޑީޒް ޙައްޤުވާ މީހުންކަމަށް ޤަބޫލު ނުކުރެވޭކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގައި އެކި ކަންކަމުގައި 130 ހާހާއި 170 ހާހާ ދެމެދުގެ ޢަދަދެއްގެ ބިދޭސީ މަސައްކަތު މީހުން އުޅޭއިރު، އެމީހުންނަށްވެސް އައީ ދިވެހިންނަށް ޚާއްޞަކުރެވިފައި އޮތް ކާޑުގެ ސަބްސިޑީޒް ލިބެމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިއެރުވުމަށް ބޭރުގެ އެހީދޭ ފަރާތްތަކާއި އެފަދަ އެހީތަކަށް ބާރުއަޅައިދޭ ފަރާތްތަކުންވެސް، ރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ދެއްވާ ކަރަންޓް ސަބްސިޑީޒްއާއި ކާޑުގެ ބާވަތްތަކުގެ ސަބްސިޑީޒް ދިނުމާ ދެކޮޅަހަދާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ސަބްސިޑީޒް އުނިކުރެއްވުމުގެ ބޭނުމަކީ، ސަރުކާރަށް ފައިސާ އިތުރުކުރެއްވުން ނޫންކަން ފާހަގަކުރައްވަމުން، މި ގެންނެވި ބަދަލުގެ އެންމެ ބޮޑު މަޤްޞަދަކީ އެ ފައިސާ ހޭދަކުރައްވައިގެން ރައްޔިތުންނަށް ތަރައްޤީ ހޯއްދެވުންކަމަށްވެސް ވިދާޅުވިއެވެ. އަދި ސަބްސިޑީއަށް ގެނެވުނު ބަދަލާގުޅިގެން ރާއްޖޭގެ އިންފްލޭޝަން ރޭޓަށް އެއްވެސް ބަދަލެއް އަތުވެދާނެކަމަށް ނުބެލެވޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.