ޚަބަރު

ޗައިނާގެ އަހަރީދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި


ޗައިނާގެ އަހަރީދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާވަނީ ޗައިނާގެ ސްޓޭޓް ކައުންސިލް، ލީ ކީކްޔާންގަށްވެސް ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ.

‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ރައީސްއަށާ ޗައިނާގެ ރައްޔިތުންނަށް ދުވަހުގެ މުނާސަބަތުގައި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އަޙުވަންތަ ގާތް ގުޅުން، އެމަނިކުފާނު ވަރަށް ބޮޑަށް ވަޒަންކުރައްވާ ކަމުގައި ވިދާޅުވެ، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޗައިނާގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.