ޚަބަރު

"ފްރެންޗައިޒް ވިޔަފާރިތަކަށް ހަރަކާތްތެރިވެވޭނީ އުސޫލުގެ ތެރެއިން"


  • ޗައިނާ އެފްޓީއޭ ދަށުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފްރެންޗައިޒް ވިޔަފާރިތަކަށް ފުރުސަތު ލިބޭ

  • ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ވިޔަފާރި ކުރުމުގެ ފުރުސަތު އެފްޓީއޭގެ ދަށުން ލިބޭ

ޗައިނާއާއި ރާއްޖެ ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިންވެސް ފްރެންޗައިޒް ވިޔަފާރިތަކަށް ހަރަކާތްތެރިވެވޭނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ ރެސްޓޯރެންޓް ވިޔަފާރިއަކީ ބިދޭސީންނަށް މަނާ ވިޔަފާރިއެއް ނަމަވެސް، ޗައިނާގެ ކުންފުނިތަކަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ފުރުސަތު ދީފައިވާ ސަބަބާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް ކުރެވުނީ ސިނާޢަތްތައްވެސް ޝާމިލްވެގެން ކަމަށް ވިދާޅުވެފައެވެ. މި އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް ކުރެވިފައިވަނީ 2015 އިން 2017 ވަނަ އަހަރަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭރު މަޝްވަރާކުރެވުނު އިރު ސިނާޢަތްތަކުގެ ތަޖުރިބާކާރުންނާއި، ސްޓޭކް ހޯލްޑަރުންނާއި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިންނާއި މަޝްވަރާ ކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް އެއްބަސްވުން ތަންފީޒުވާން ފެށިއިރު، ސަރުކާރުން މިހާރު އާންމުކޮށްފައިވާ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ސިޔާސަތުގައި ހިމެނޭ، ކަންކަމާއި ޗައިނާއަށް އޭރު ދީފައިވާ ޔަޤީންކަމާއި ތަފާތުތަކެއް ހުރެދާނެ ކަމަށެވެ. މިހާރު ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ސިޔާސަތުގެ ދަށުން ރެސްޓޯރެންޓް ވިޔަފާރިއަކީ ހަމައެކަނި ދިވެހިންނަށް ކުރެވޭ ވިޔަފާރިއެއް ނަމަވެސް، ފްރެންޗައިޒް ވިޔަފާރިތަކަށް ވަކި ޝަރުތުތަކެއްގެ ތެރެއިން އެ ފުރުސަތު އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރެސްޓޯރެންޓް ވިޔަފާރިއަކީ ދިވެހިންނަށް ހާއްސަ ވިޔަފާރިއެއް ނަމަވެސް، ބައިނަލްއަޤްވާމީ ފްރެންޗައިޒްތަކައް ފޮރިން އިންވެސްޓްމެންޓް ސިޔާސަތުގެ ތެރެއިން ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ތެރެއިން ހަރަކާތްތެރިވެވޭނެ. ހަމަ އެފަދައިން ރިސޯޓުތަކާއި އެއަރޕޯޓްތަކަށް ފްރެންޗައިޒްތަކަށް ހަރަކާތްތެރިވެވޭނެ. " ވަޒީރު ސަޢިދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވަނީ ފްރެންޗައިޒްތަކަށް އެ ފުރުސަތު ދީފައި އޮންނައިރު، އެއީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅުމެއް ހުރި ކަމެއް ނޫން ކަމަށާއި އެ އުސޫލަކީ އޭގެ ކުރިންވެސް ޢަމަލުކުރަމުން އަންނަ އުސޫލެއްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ފްރެންޗައިޒްތަކަށް ވިޔަފާރިކުރުމާއި ރެސްޓޯރެންޓް ހިންގުމުގެ ފުރުސަތު ދީފައިވަނީ އެފަދަ ވިޔަފާރިތައް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ބޭނުން ކުރެވޭނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، މި ސަރަހައްދުގެ އެހެން ޤައުމުތަކަށާއި ދުނިޔޭގެ އެހެން ގިނަ ޤައުމުތަކަށް ނޯންނަ ފުރުސަތެއް ކަމަށްވާ ޗައިނާގެ ތެރޭގައި ވަކި ޝަރުތުތަކާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ލިބިގެންދާކަމަށް އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި ދިވެހި ވިޔަފާރިތަކާއި އެކުގައި އެއްބަސްވުމުގައި ހުރި ކަންކަމާއި ގުޅިގެން މަސައްކަތް ކުރެވޭ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، ބައެއް ސިނާޢަތްތަކުން ބައެއް ކަންބޮޑުވުންތައް އިޤްތިޞާދީ ވުޒާރާއާއި ހަމައަށް ގެނައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަންކަން ހައްލުކުރުުމަށް އިޤްތިޞާދީ ވުޒާރާއާއި ވިޔަފާރިތައް ގުޅިގެން މަސައްކަތް ކުރެވޭ ކެމަށެވެ.

ދިވެހިރާއްޖެއާއި ޗައިނާ ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރު ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.