ޚަބަރު

ޓީޓީ ހެދުމަށް ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓައެއްނުލަން: ބީއެމްއެލް


  • އަހަރުގެ ފުރަތަމަ ކުއާޓަރުގައި 106.2 މިލިޔަން ޑޮލަރު ވިއްކި

  • އެއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިޔަން ޑޮލަރަށްވުރެ ބޮޑު ޢަދަދެއް

ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓާލާފައިވާކަމަށްބުނެ ދެކެވޭ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޮގުކޮށްފިއެވެ.

ބީއެމްއެލްއިން އިން ވިދާޅުވީ ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުންދާކަމަށެވެ.

އެގޮތުން މިމަހުގެ ތެރޭގައިވެސް ޓީޓީއަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު ޢަދަދަކަށް ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އަދި މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައިނުވާކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ ޢަދަދު ބޭންކުން ނުދެވުން އެކަށީގެންވާކަަމަށް ވިދާޅުވިއެވެ.

މެދު އިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ ޢަދަދު މިދުވަސްކޮޅު އިތުރުވެފައި ވީނަމަވެސް، ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އަދި މި ހައްސާސް މުއްދަތުގައިވެސް ބޭންކުން މެދުނުކެނޑި ކާބޯތަކެއްޗާއި، އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފައިސާފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށްވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުން އަންނަކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މިގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 106.2 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ. އަދި މިބޭނުމަށް މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިޔަން ޑޮލަރާއި އަޅާބަލާއިރު މިއީ %142 އިތުރު ޢަދަދެކެވެ.

މިއަހަރުގެ މިހާތަނަށް 38،855 ޓިޓީއަށް ބޭރުފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އެޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރު ފައިސާގެ އެހީ ފޯރުކޮށްދީފައިވާކަމަށް ބޭންކުން ވިދާޅުވިއެވެ. އަދި މިދިޔަ އާދިއްތަ ދުވަހު އެކަނިވެސް 327 ޓީޓީއަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލްއިން ވަނީ ހާމަކުރައްވާފައެވެ.

ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ކަސްޓަމަރުންނާއި ބެހޭ އަދި ބޭންކުން ހިންގާ ފައިސާގެ މުޢާމަލާތްތަކުގެ ޞައްޙަ މަޢުލޫމާތުތަކަކީ ހަމައެކަނި ބޭންކަކަށް ދެވޭނެ މަޢުލޫމާތުތަކެއްކަމަށެވެ. އެހެންކަމުން މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއްނެތި މިފަދަ މަޢުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާމެދު ވަރަށް ހިތާމަކުރާކަމެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ.