އަންނަ ޖޫން މަހު ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރާނީ ބަންގްލަދޭޝްގެ ޒުވާން ޓީމުކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާ ދެމެދު، މާލޭގައެވެ.
މި މުބާރާތަކީ، ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 'ޑައިމަންޑް ޖުބިލީ' އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ނަމުގައި ބާއްވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިކުރުމަށް އެފްއޭއެފް އިން އެންމެފުރަތަމަ ދައުވަތު ދީފައިވަނީ ބަންގްލަދޭޝް، ސްރީލަންކާ އަދި ނޭޕާލަށެވެ. އެހެންނަމަވެސް މި ދައުވަތު ގަބޫލުކުރީ ލަންކާއިން އެކަންޏެވެ. ބަންގްލަދޭޝް އިން ވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި، ޔޫރަޕުގައި މެޗެއް ކުޅެން ތާވަލުކޮށްފައެވެ.
ސަރަހައްދީ ފުޓުބޯޅައިގެ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ބަންގްލަދޭޝް އިން ރާއްޖެއިން ދިން ދައުވަތު ގަބޫލުނުކޮށް، ހަމައެކަނި ޔޫރަޕުގައި ކުޅެލުމުގެ ނިޔަތުގައި މެޗެއް ކުޅެން ތާވަލުކޮށްފައި ވަނީ ފީފާ ރޭންކިންގެ ފުލުގައި އޮތް ސޭން މެރީނޯއާ ދެކޮޅަށެވެ.
ބަންގްލަދޭޝްގެ ސީނިއަރ ޓީމުން ޔޫރަޕުގައި މެޗެއް ކުޅެން ނިންމުމުން ރާއްޖެއިން ދެން ދައުވަތު ދިނީ އެ ގައުމުގެ ޒުވާން ޓީމަށެވެ. އެފްއޭއެމްގެ އޮފިޝަލަކު "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވި ގޮތުގައި އެ ގައުމުގެ ޒުވާން ޓީމުން މުބާރާތުގައި ކުޅޭނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ރާއްޖެއިން ދެން ދައުވަތު ދިން ނޭޕާލުން، މި މުބާރާތުގައި ވާދަނުކުރެވޭނެކަން މިހާރު ވަނީ އެފްއޭއެމް އަށް އަންގާފައެވެ. އެހެންކަމުން ދެން އެފްއޭއެމް އިން ދައުވަތުދީފައިވަނީ ޕާކިސްތާނަށެވެ. ޕާކިސްތާނުން މި ދައުވަތު ގަބޫލުކޮށް، މުބާރާތުގައި ވާދަކުރާނެކަން ވަނީ އަންގާފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތުގައި ވާދަކުރުމަށް އޭޝިއާ ބައްރުގެ އެހެން ބައެއް ގައުމުތަކުން ވެސް ޝައުގުވެރިކަން ފާޅުކުރިއެވެ. އެހެންނަމަވެސް އެފްއޭއެމްގެ ވިސްނުން ހުރީ މި މުބާރާތް، ސަރަހައްދީ ގައުމުތަކަށް ޙާއްސަކުރާށެވެ.
ދިވެހި ފުޓުބޯޅައަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވެސް މިފަދަ މުބާރާތެއް ވަނީ ބާއްވާފައެވެ. 2000 ވަނަ އަހަރު، ގޯލްޑަން ޖުބިލީގެ ނަމުގައި ބޭއްވި އެ މުބާރާތުގައި ވާދަކުރީ މި ފަހަރުގެ މުބާރާތުގައި ވެސް ބައިވެރިކުރަން ދައުވަތުދިން ނިންމާފައިވާ ބަންގްލަދޭޝްއާއި ސްރީލަންކާގެ އިތުރުން މިފަހަރު ދަޢުވަތު ނުދޭ، ސަރަހައްދީ ގަދަބާރު އިންޑިއާ އިންނެވެ.
އެފަހަރުގެ މުބާރާތުގެ ފައިނަލުގައި ރާއްޖެއާއި ސްރީލަންކާ ވާދަކުރިއިރު، ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ ސްރީލަންކާއިންނެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގްވާމީ އިންވިޓޭޝަނަލް މުބާރާތުގެ އިތުރުން، 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ވެސް އެފްއޭއެމް އިން ބާއްވާފައިވެއެވެ.