ޚަބަރު

ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި


  • މިދިޔަ އަހަރު ބޭރުން ރާއްޖެއަށް އެތެރެވީ 3.69 ބިލިޔަން ޑޮލަރު

  • ފުރަތަމަ ކުއާޓަރގައި ޓީޓީއަށް 106.2 މިލިޔަން ޑޮލަރު ވިއްކާފައިވޭ

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން ވިދާޅުވީ، އެ ބޭންކުން ޓީޓީއަށް ދޫކޮށްފައިވާ ޑޮލަރުގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ.

ހުސްވި 2025 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ކުރި ކްރޮސްބޯޑަރ ޓްރާންސެކްޝަނަށް ބަލާލާއިރު ރާއްޖެއިން ބޭރުން އެތެރެވި ފައިސާގެ އަދަދަކީ، 3.69 ބިލިޔަން ޑޮލަރެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދަކީ، 3.28 ބިލިޔަން ޑޮލަރު ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މި ތަފާސްހިސާބަށް ބަލާލާއިރު ރާއްޖެއިން ބޭރުން އެތެރެވި ފައިސާގެ އަދަދަކީ، 1.27 ބިލިޔަން ޑޮލަރެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ އަދަދަކީ، 1.04 ބިލިޔަން ޑޮލަރު ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްއިން ވިދާޅުވީ، އެ ބޭންކުން މަސައްކަތް ކުރަމުން ދަނީ މެދުނުކެނޑި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީއަށް 106.2 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. 2025ވަނަ އަހަރު އެވްރެޖްކޮށް މަހަކަށް އެ ބޭންކުން ވިއްކާފައިވަނީ، 14.6 މިލިޔަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރއަށް ބަލާލާއިރު، މަހެއްގެ މައްޗަށް އެ ބޭންކުން 35.4 މިލިޔަން ޑޮލަރުގެ ޓީޓީ ވިއްކާފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބީއެމްއެލްއިން 2025ވަނަ އަހަރު ކާޑުތަކަށް މަހަކަށް 32.5 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ކާޑުތަކަށް މަހަކަށް 40 މިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.