ޚަބަރު

އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު


  • ފަންނިއްޔާތުގެ ދާއިރާގައި އަންހެން ކުދިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭންޖެހޭ

  • ގާލްސް އިން އައިސީޓީ ދުވަސް ފާހަގަކުރަނީ އެޕްރީލް މަހުގެ 4 ވަނަ ބުރާސްފަތި ދުވަހު

ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ގާލްސް އިން އައިސީޓީ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ފަންނިއްޔާތުގެ ދާއިރާގައި ކުރިއަށް ދިއުމަށް ކޮންމެ ޒުވާން އަންހެން ކުއްޖަކަށްވެސް ހިތްވަރު ދިނުމަށް ގޮވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ، ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި، ތަރައްގީއަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ބައްޓަން ކުރުމަށް ކޮންމެ އަންހެން ކުއްޖެއްގެ ޚިޔާލާއި މަޝްވަރާވެސް އޮންނަން ޖެހޭ ކަމަށެވެ.

އެކަމަނާ ވަނީ އެކަކު އަނެކަކަށް އެހީތެރިވެ ހުރިހާ އެންމެން ޝާމިލްވުމުގެ ފުރުސަތު އޮންނަ މާހައުލެއް ޤާއިމްކޮށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ނިސްބަތުން އަންހެނުން މަދުން ހަރަކާތްތެރިވާ ދާއިރާތަކަށް ކުރިމަތިލުމަށް ހިތްވަރުދީ މިހާރު ހުރި ހުރަސްތައް ގިރާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ގުޅިގެން ކުރާ މަސައްކަތުން އެންމެން ބާރުވެރި ކުރެވޭނެ ކަމަށާއި، ޑިޖިޓަލް މުސްތަޤުބަލަކަށް އައު ޖީލެއް ބިނާ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ޕޯސްޓް ނިންމަވާލެއްވީ، އަންހެން ކުދިންނަށް އުނގެނުމުގައި އެހީވުމަށް ގޮވާލައްވަމުންނެވެ. އެކަމަނާ ވިދާޅުވީ ފަންނިއްޔާތުގެ ދާއިރާގެ މުސްތަޤުބަލު ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

ބައިނަލްއަޤްވާމީ ގޮތުން ގާލްސް އިން އައިސިޓީ ދުވަސް ފާހަގަކުރަނީ ކޮންމެ އެޕްރީލް މަހެއްގެ 4 ވަނަ ބުރާސްފަތި ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ސައިންސްގެ ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުން އިތުރުކޮށް ބާރުވެރި ކުރުމަށާއި، ޑިޖިޓަލް ދާއިރާގައި އޮތް މިންތީގެ ފަރަޤު ކުޑަކުރުމަށެވެ.