"ޕީއެސްއެމް ނިއުސް" އަށް 9 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ އެވޯޑް ޙަފްލާ އަންނަމަހު 3 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
"ޕީއެސްއެމް ނިއުސް އެވޯޑްސް" ދިނުމުގެ މައިގަނޑު މަޤްޞަދަކީ ޕީއެސްއެމްގެ ނިއުސް ޗެނަލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމެވެ. އަދި ވާދަވެރި މާހައުލެއްގެ ތެރެއިން ފެންވަރު ރަނގަޅު އުފެއްދުންތަކެއް ގެނެސްދިނުމަށް މުވައްޒަފުންނަށް ހިތްވަރު ދިނުމެވެ.
މިއަހަރުގެ އެވޯޑް ޙަފްލާގައި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ނިއުސް ޗެނަލްގައި މަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން އެކި ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުން ފާހަގަކޮށް، އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑް ޙަފްލާ އޮންނާނީ މޭ 3 ވާ އާދިއްތަ ދުވަހުގެ ރޭ 21:00 ގައެވެ.
މި ޙަފްލާގައި ނިއުސް ޗެނަލްގެ 9 އަހަރުގެ ކާމިޔާބީއާއި މަސައްކަތްތަކުގެ އުސްއަލިތައް ގެނެސްދެވޭނެއެވެ. އަދި އަންނަ އަހަރަކީ ނިއުސް ޗެނަލަށް 10 އަހަރު ފުރޭ އަހަރުކަމުން، 10 ވަނަ އަހަރަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ބައެއް ޚާއްސަ ކަންކަން އިޢުލާންކުރުން އޮންނާނެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ކުޑައިގެ ދަށުން "ޕީއެސްއެމް ނިއުސް" ޗެނަލް ވުޖޫދުވީ 3 މޭ 2017 ގައެވެ. މިއީ ނިއުސް އެންޑް ކަރަންޓް އެފެއާޒް ޚަބަރާއި ޕްރޮގްރާމްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި 24 ގަޑިއިރު ޚިދުމަތްދޭން ފެށި ފުރަތަމަ ޗެނަލެވެ.
ޕީއެސްއެމް ނިއުސްގެ ކޮންމެ ކޮންޓެންޓަކީ ޚަބަރާއި މަޢުލޫމާތާއި ކަރަންޓް އެފެއަރސް ކަންކަމަށް ޚާއްސަކޮށްގެން ގެނެސްދޭ ކޮންޓެންޓެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުން ރާއްޖެއާއި ބޭރު ދުނިޔޭގެ މަޝްރަހުގައި ހިނގާ މުހިންމު ކަންކަން ހިމެނެއެވެ.
ހަމައެހެންމެ މި ޒަމާނަކީ ސޯޝަލް މީޑިއާގެ ޒަމާނަށްވާއިރު ޚަބަރާއި މަޢުލޫމާތު ވީހާވެސް ގިނަ އާންމުންނާއި ހަމައަށް ގެނެސްދިނުމަށްޓަކާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް ޕީއެސްއެމް ނިއުސްއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.