ޚަބަރު

ބީޗް ވޮލީގައި އަންހެން ޕެއާތަކަށް ކުރިއެރުމެއް


  • އަންހެން ދެ ޕެއާ މުބާރާތުގައި ވާދަކުރި

  • ރާއްޖެއިން ކުޅުނީ ސަރަހައްދީ ގަދަ ބާރުތަކާ ދެކޮޅަށް

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ އަންހެން ބީޗް ވޮލީބޯޅަ ޕެއާތަކުން އިއްޔެ ދެވަނަ މެޗުތަކުގައި ވާދަކޮށް ފުރަތަމަ މެޗުތަކަށްވުރެ ރަނގަޅު ނަތީޖާތަކެއް ނެރެފިއެވެ.

ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ހަތަރު ޕެއާއެއް ބީޗް ވޮލީބޯޅައިގައި ވާދަކުރެއެވެ. އެއީ ފިރިހެން ދެ ޕެއާއާއި އަންހެން ދެ ޕެއާއެވެ. އަންހެން ދެ ޕެއާ އަކީ އާމިނަތު އަރީޝާއާއި ފާތިމަތު އަނާލްގެ ޕެއާގެ އިތުރުން މަރިޔަމް ރިޝްފާ އާއި ޢާއިޝަތު އިޝްފާއު އިއްސާގުގެ ޕެއާއެވެ.

ރާއްޖޭގެ ޕެއާތަކުން އިއްޔެވެސް ވާދަކުރަން ޖެހުނީ ސަރަހައްދީ ވަރުގަދަ ޕެއާތަކަކާ ދެކޮޅަށެވެ. ޕޫލް އީގައި ހިމެނޭ އަނާލްއާއި އަރީޝާ ވާދަކުރަން ޖެހުނީ މެލޭޝިއާގެ ސިންގް ޔީ ސިން އަދި ޔޫ ޖީ ރޭޗަލް ގޯގެ ޕެއާއާ ދެކޮޅަށެވެ.

މެޗު ދެ ސެޓުން މެލޭޝިއާ ޕެއާއިން ގެންދިޔަ ނަމަވެސް، ފުރަތަމަ ސެޓުގައި މެލޭޝިއާ ޕެއާއަށް އަރީޝާއާއި އަނާލްގެ ޕެއާއިން ރަނގަޅު ފައިޓެއް ދިނެވެ. އެ ސެޓު 11-21 އިން މެލޭޝިއާ ޕެއާއިން ގެންދިޔަ އިރު، އަނެއް ސެޓު ގެންދިޔައީ 21-8 އިންނެވެ.

ފޫލް އެފްގައި ރިޝްފާއާއި އިޝްފާއު ވާދަކުރީ ތައިލެންޑްގެ ސަލިންޑާ މުންހޯންއާއި ޕަޓްޗަރަޕޯމް ސީހަވޮންގެ ޕެއާއާ ދެކޮޅަށެވެ. މެޗުގެ ދެ ސެޓުވެސް ގެންދިޔައީ ތައިލޭންޑުގެ ޕެއާއިންނެވެ.

ފުރަތަމަ ސެޓު 21-5 އަދި ދެވަނަ ސެޓު ގެންދިޔައީ 21-6 އިންނެވެ.

އެމެޗު ތައިލެންޑް ޕެއާއިން ގެންދިޔަ ނަމަވެސް، މެޗަށްފަހު ރިޝްފާ ބުނީ ފުރަތަމަ މެޗަށްވުރެ ދެވަނަ މެޗުގެ ކުޅުން ރަނގަޅު ކުރެވުނީތީ އުފާކުރާ ކަމަށެވެ. އަދި މި ގޭމްސްގެ ތަޖުރިބާއަކީ ކެރިއަރުގައި މުހިއްމު ތަޖުރިބާއަކަށްވާނެ ކަމަށެވެ.