ޚަބަރު

ނަފްސާނީ ފަރުވާ: 1677 ހޮޓްލައިން އަދި ޔޫތު ހަބްގެ ހިލޭ ކައުންސެލިން


  • 1677 އެއީ 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިނެއް

  • ނަފްސާނީގޮތުންވާ އުނދަގޫތަކާއި އެބަލިން އަރައިގަނެވޭނެ

  • ނަފްސާނީ ބައްޔެއްކަމަށް މުޖުތަމަޢާއި ބަލި ތަޙައްމަލުކުރާ ފަރާތްތަކުންވެސް ޤަބޫލުކުރަންޖެހޭ

ކޮންމެ ބައްޔަކީ އެބައްޔެއްގެ ފަރުވާ އެކި މިންވަރުގައި ހޯދިފައިވާ ބަލިތަކެވެ. ނަފްސާނީ ފަރުވާއަކީވެސް މިއަދު ކާމިޔާބުކަމާއެކު ހޯދި އެކަން އިންސާނުން ތަޖުރިބާކުރަމުންދާ ބައްޔެކެވެ. ރާއްޖޭގައިވެސް ނަފްސާނީ ބަލީގެ ފަރުވާ މިހާރުވަނީ ފުޅާވެފައެވެ. ފަރުވާ ފޯރުކޮށްދޭ ކްލިނިކްތަކާއި ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ހޮޓްލައިންތައްދަނީ އިތުރުވަމުންނެވެ.

ރާއްޖޭގައި އިޖުތިމާޢީ އެތައް މައްސަލަތަކެއް ހުރިއިރު، އާއިލާ އަދި ވެށިތެރޭގައި ހުރި މިމައްސަލަތަކާއެކު ދިރިއުޅުމުގައި އެތައް ބަޔަކުދަނީ އަނެކުންނަށް ނުފެންނަ ބުރައެއް ސިކުނޑީގައި އުފުލަމުންނެވެ. މިފިކުރުތަކާއެކު ނަފްސާނީގޮތުން މީހާ ބަލިކަށިވުމަކީ އިންސާނަކަށްވީތީ ކުރިމަތިވެދާނެ ޙާލަތެކެވެ. އެކަމުން އަރައިނުގަނެވިދާނެހެން އެވަގުތުކޮޅުގައި އިޙްސާސްކުރެވުނުނަމަވެސް، އެއީ ޙަގީގަތެއް ނޫނެވެ. ނަފްސާނީ ބަލިން އަރައިގަތުމަށް ސިއްޙީ އެހީތެރިކަން ބޭނުންވެއެވެ. ހަމައެއާއެކު އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި އީމާންތެރިކަމުން ހިތްވަރުވެސް ލިބިގަންނަންޖެހެއެވެ.

ދީނީ ވާހަކަތަކުން ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުން ވައްދަންޖެހެއެވެ. ނަފްސަށް ވިސްނައިދިނުމަކީ ތިމާގެ ޒިންމާއެއްކަމުގައި ޤަބޫލުކުރަންޖެހެއެވެ. އަދި ސިއްޙީ ފަރުވާ ހޯދަންޖެހޭ ޙާލަތަށް ދިޔުމުން ފަރުވާ ހޯދުމަކީ ލަދުވެތިކަމެއް ނޫނެވެ.

ނަފްސާނީ ބައްޔަކީ އެހެން ބަލިތަކެކޭވެސް އެއްގޮތަށް ފަރުވާ ހޯދަންޖެހޭ ބައްޔެއްކަން ޤަބޫލުކުރަންޖެހެއެވެ. މުޖުތަމަޢާއި ބަލި ތަޙައްމަލުކުރަމުންދާ މީހާވެސް މިޙަޤީޤަތް ދެނެގަންނަންޖެހެއެވެ. މީގެ 10 ވަރަކަށް އަހަރުކުރިއަށްބަލާއިރުވެސް ރާއްޖޭގައި މިއީ އާންމުކޮށް ދެކެވޭ ވާހަކަތަކެއް ނޫނެވެ.

އެހެންނަމަވެސް މަންޒަރު ބަދަލުވެ މިއަދު ނަފްސާނީ ބައްޔަކީ ފަރުވާކުރަންޖެހޭ ބައްޔެއްކަން ޤަބޫލުކުރާ އާބާދީވަނީ އިތުރުވެފައެވެ. ހަމައެއާއެކު ސަރުކާރާއި އަމިއްލަ އިދާރާތަކުގައި މިފަރުވާ އެދޭ ފަރާތްތަކަށް ދެވޭ ފަރުވާގެ ނިޒާމުވެސް އޭރާ އަޅާބަލާއިރުވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ނަފްސާނީ އެހީ އެކީ ފަރާތްތަކުން އެދޭނީ އެކި މިންވަރަށެވެ. އެއީ ފަރުވާއާއި ހަމައަށް ދިޔުމަށް މީހާއަށް ހުރަސްއަޅާ ފިކުރު ބޮޑުކުރުވާ ބައްޔަކަށްވާއިރު ގޭގައި ހުރެގެން ފަރުވާ ލިބޭނެ މަގު ރާއްޖޭގައިވެސް މިހާރުވަނީ ޤާއިމުކޮށްފައެވެ.

މިގޮތުން ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެއެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުންވެސް ނަފްސާނީ ބަލީގެ ފަރުވާ އަންނަނީ ފޯރުކޮށްދެމުންނެވެ.

ޔޫތު ހަބްގައި ޤާއިމުކޮށްފައިވާ އެވުޒާރާގެ ހެޕިނެސް ލައުންޖުގައި ކައުންސިލިންގެ ޚިދުމަތް ހިލޭ ދަނީ ފޯރުކޮށްދެމުންނެވެ. ވަކި ވަކި ފަރާތްތަކަށާއި ގްރޫޕް ތެރަޕީއާއި ޢާއިލާތަކަށް ޚާއްސަ ތެރަޕީ ސެޝަންތައް ނަގައިދެއެވެ. މިޚިދުމަތް ހޯދުމަށް އެތަނަށް ދިޔުމުން އަދި 4000505 ނަމްބަރު މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ.


ހަމަމިއާއެކު މާލެއާއި އަތޮޅުތަކުގައިވެސް އަމިއްލަ ކްލިނިކްތަކުންވެސް ނަފްސާނީ ބަލީގެ ފަރުވާ އަންނަނީ ފޯރުކޮށްދެމުންނެވެ. އާސަންދަ މެދުވެރިކޮށް ނަފްސާނީ ބަލީގެ ފަރުވާ މިހާރު ހިލޭ ލިބެމުންދާއިރު ނަފްސާނީ ގޮތުން އުނދަގުލެއް ކުރިމަތިވާނަމަ އެކަމެއް ދެނަގަތުމަށް އަދި ފަރުވާ ހޯދުމަށް އަވަސްވެގަތުމަކީ މުހިއްމުކަމެކެވެ.

ނިދަން އުނދަގޫވެ ފިކުރު ބޮޑުވުމާއި، އަމިއްލަ ނަފްސު ބާކީކުރެވޭ ކަމުގެ އިޙްސާސްތަކާއި، ހާސްވެ ކަންބޮޑުވުމާއި، ކުރުމަށް ލޯބިކުރާ މަސައްކަތެއް ނުވަތަ ކަމެއް މަތިން ސަބަބެއް ނެތި ފޫހިވުން ފަދަ ކަމެއް ކުރިމަތިވާނަމަ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަންވާނެއެވެ.

ފިކުރު ބޮޑުވެ ނަފްސު އެބައްޔަށް ދޫކޮށްނުލާ އުފާވެރި މާދަމައެއް ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ. ސިކުނޑި ވަކިގޮތަކަށް ބުނެދޭތީ މިއަދު ކުރެވޭ އުނދަގޫ އިޙްސާސްތަކުން އަރައިގަނެވޭނެއެވެ.