ޚަބަރު

އަޔާނާ، އަންޖަލް، ދާނިއަލް އަދި ޝައިމްއަށް ރަނގަޅު ތަޖުރިބާއެއް


  • ރާއްޖޭގެ އެތުލީޓުން ދެން ނުކުންނާނީ 4 ގުނަ 1.5 ކިލޯމީޓަރުގެ މިކްސް ރިލޭ އިވެންޓުގައި ވާދަކުރުމަށް

  • އެތުލީޓުން ގަބޫލުކުރަނީ މިއީ ރަނގަޅު ތަޖުރިބާއެއްކަމަށް

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ އޯޕަން ވޯޓާ ސްވިމިން ފަސް ކިލޯމީޓަރު ފެތުމުގައި ރާއްޖޭގެ އަޔާނާ އަރީފާއި ފާތިމަތު އަންޖަލް ފަޔާޒުގެ އިތުރުން ޝަޔަމް އިބްރާހީމް ހުސައިން އަދި ދާނިއަލް އަމީން ފައިސަލް ވާދަކޮށްފިއެވެ.

ރާއްޖޭގެ އަންހެން ފެތުންތެރިން ވާދަކުރީ އިއްޔެ ކުރިއަށްދިޔަ ހީޓްތަކުގައެވެ. އަދި ފިރިހެން ދެ ފެތުންތެރިން ވާދަކޮށްފައި ވަނީ މިއަދު ކުރިއަށްދިޔަ ހީޓްތަކުގައެވެ.

ހީޓްތަކަށްފަހު ރާއްޖޭގެ އެތުލީޓުން ބުނެފައި ވަނީ ފަސް ކިލޯމީޓަރު އޯޕަން ވޯޓާ ރޭހެއްގެ ތަޖުރިބާ، އެހެން ޤައުމެއްގައި ކޮށްލަން ލިބުމަކީ ކެރިއަރުގައި ހާސިލްވި މުހިއްމު ކަމެއް ކަމަށެވެ. ހާއްސަކޮށް އޭޝިއާގެ އެންމެ މަތީ ފަންތީގެ އެތުލީޓުންނާއެކު އިވެންޓްގައި ވާދަކޮށްލުމަކީ ލިބުނު ފަހި ފުރުސަތެއްކަން ހުރިހާ އެތުލީޓުންވެސް ފާހަގަކޮށްފައިވެއެވެ.

އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ފެތުންތެރިންނަށް ދެން އޮންނަ އިވެންޓަކީ މާދަމާ އޮންނަ 4 ގުނަ 1.5 ކިލޯމީޓަރުގެ މިކްސް ރިލޭ އިވެންޓެވެ.