ޚަބަރު

ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ސަޢުދީއާއެކު މަޝްވަރާކޮށްފި


  • ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާ ކުރުމަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވި

ދިފާޢީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްތާނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިއަހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ، ދެ ޤައުމުގެ ދިފާޢީ އެއްބާރުލުން ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ، ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާ ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމުގެ އަގުވަޒަން ކުރައްވާފައެވެ.

ރާއްޖެއާ އެންމެ ގާތް އެއް ޤައުމަކީ، ސަޢުދީ ޢަރަބިއްޔާ ކަމަށްވާއިރު އެ ޤައުމުން ރާއްޖެއަށް ޚާއްސަ އިސްކަމެއް ދެއްވަމުން ދެއެވެ. އެގޮތުން ދީނީ ކަންކަމުގައި، ޚާއްސަކޮށް ޙައްޖާ ގުޅުންހުރި ކަންކަމުގައި އެ ޤައުމުން އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ. މި ނޫނަސް އެކި ދާއިރާތަކުން ސަޢުދީ ޢަރަބިއްޔާއިން އަންނަނީ، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.