ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާއާއި ސްރީލަންކާގެ ޚާރިޖީ ވަޒީރުންނާއެކު މަޝްވަރާތަކެއް ބާއްވައިފިއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.އެސް.ޖައިޝަންކަރުއާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރެތްއަށް ވަކިވަކިން ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު އިރުތިޝާމް ވަނީ ޤައުމުތަކުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވާފައެވެ. އެގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ތައްޔާރަށް އޮންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އިންޑިއާއިން ރާއްޖެއަށް ދާދިފަހުން ހަމަޖައްސައިދެއްވި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީއަކީ އެ ގުޅުން ހާމަކޮށްދޭ ކަމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރެތްއާއެކު ކުރެއްވި މަޝްވަރާގައިވެސް ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހި ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ.