ޚަބަރު

ޓީޓީ ޗެމްޕިއަންޝިޕްގެ ގިނަ ވަނަތައް ޣިޔާޘުއްދީނަށް


  • ޣިޔާޘުއްދީނުން ވަނީ 4 ޓީމު އިވެންޓަކުން ޗެމްޕިއަންކަން ހޯދާފައި

  • ބާކީ އިވެންޓުތައް ކާމިޔާބުކުރީ އިސްކަންދަރާއި ހުޅުމާލެ ސީއެޗްއެސްސީ އާއި ވީއައިއެޗްއެސްއިން

ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ޓީމު އިވެންޓުގެ ގިނަ ވަނަތަކެއް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސުކޫލުން ހޯދައިފިއެވެ.

14 ޖޫންގައި މާލޭ ޓީޓީ ހޯލުގައި ފެށި މި މުބާރާތުގެ ވަނަތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް އިނާމު ދީފައިވަނީ އަންގާރަ ދުވަހުގެ ހަވީރު ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ސުކޫލު، ޣިޔާޘުއްދީނުން ވަނީ 13 އަހަރުން ދަށުގެ ފިރިހެން، 15 އަހަރުން ދަށުގެ ފިރިހެން، 15 އަހަރުން ދަށުގެ އަންހެން އަދި 17 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައެވެ.

17 އަހަރުން ދަށުގެ ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސުކޫލުންނެވެ. 19 އަހަރުން ދަަށުގެ ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުންނެވެ. 19 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސީއެޗްއެސްއީ ހުޅުމާލެ ސުކޫލުންނެވެ.

މުބާރާތުގެ ޓީމު އިވެންޓުތަކުން 13 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން ރިހި މެޑަލް ހޯދީ އަމީނިއްޔާ ސުކޫލުންނެވެ. ލޯ މެޑަލް ހޯދީ އިސްކަންދަރު ސުކޫލުންނެވެ. 15 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ކެޓަގަރީން ރިހި މެޑަލް ހޯދީވެސް އިސްކަންދަރު ސުކޫލުންނެވެ. 15 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން ލޯ މެޑަލް ހޯދީ އަމީނިއްޔާ އަދި ރެހެންދި ސުކޫލުންނެވެ.

17 އަހަރުން ދަށުގެ ފިރިހެން އިވެންޓުން ރިހި މެޑަލް ހޯދީ ޣިޔާޘުއްދީން އިންޓަނޭޝަނަލް ސުކޫލޫންނެވެ. އަދި ލޯ މެޑަލް ހޯދީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސުކޫލާއި ހުރަވީ ސުކޫލުންނެވެ.

17 އަހަރުން ދަށުގެ އަންހެން އިވެންޓުން ރިހި މެޑަލް ހޯދީ އިސްކަންދަރު ސުކޫލުންނެވެ. އަދި ލޯ މެޑަލް ހޯދީ އަމީނިއްޔާ ސުކޫލުންނެވެ.

19 އަހަރުން ދަށުގެ ފިރިހެން އިވެންޓުން ރިހި މެޑަލް ހޯދީ ސީއެޗްއެސްއީ ހުޅުމާލެ ސުކޫލުންނެވެ. އަދި ލޯ މެޑަލް ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުންނެވެ. 19 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގެ ރިހި މެޑަލް ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުންނެވެ.

ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕްގައި ޖުމްލަ 17 ސުކޫލަކުން 130 ކުޅުންތެރިން ބައިވެރިވިއެވެ. އޭގެތެރޭގައި މާލޭ ސުކޫލުތަކުގެ ދަރިވަރުންގެ އިތުރުން އައްޑޫ ހިތަދޫ ސުކޫލުގެ ދެ ދަރިވަރަކުވެސް ހިމެނެއެވެ.

މުބާރާތުގެ ވަނަތައް ހޯދި ޓީމުތަކާއި ކުޅުންތެރިންނަށް އިނާމުދެއްވީ ޒުވާނުން ބާރުވެރި ކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާޤު އިބްރާހިމް އާއި ކުޅިވަރު ވަޒީރުގެ ސްޕެޝަލް އެޑްވައިޒަރު މައުރޫފު އަހުމަދާއި، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ނައިބު މުހައްމަދު ހާނިމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިއެއްކަމަށްވާ މުހައްމަދު މަތީނެވެ. މީގެ އިތުރުން ބައެއް ސުކޫލުތަކުގެ ޕްރިންސިޕަލުންނާއި މުބާރާތުގެ އެއް ސްޕޮންސަރް ކަމަށްވާ މައިލޯ ކުންފުނީގެ ބައެއް އިސްވެރިންނެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހިމް ޝިއުރީއާއި އެސޯސިއޭޝަނުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޯޗުންނާއި ބެލެނިވެރިންވެސް ބައިވެރިވިއެވެ.