ޚަބަރު

ކަރަންޓުގައި ޖެހުނު ދެބެއިންގެ ހާލުވެސް ރަނގަޅު


  • ފ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 3.33ހާއިރު

  • ހާދިސާގައި ފަރުވާދެމުންދަނީ، 27 އަހަރުގެ ފިރިހެނަކަށާއި 23 އަހަރުގެ ފިރިހެނަކަށް

ފ. ފީއަލީގެ ކަރަންޓުގައި ޖެހުނު ދެބެއިންގެ ހާލުވެސް ރަނގަޅުކަމަށް ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ފ. ފީއަލީގެ ގެއެއްގެ ފުރާޅު ސާފުކުރަން އުޅުނު އެއްބަނޑު އެއްބަފާ ދެބެއިން ކަރަންޓުގައި ޖެހި އިތުރު ފަރުވާއަށް ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދުގެ ހަވީރުގެ 3.33ހާއިރުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ފ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެދެބެއިން ހޮސްޕިޓަލަށް ގެނައިއިރުވެސް ހާލު ސީރިއަސްނޫންކަމަށެވެ. އަދި މިހާރު ދެބެއިންގެ ހާލުވެސް ރަނގަޅުކަމަށް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި، އެ ދެބެއިން ކަރަންޓުގައި ޖެހުނީ އެމީހުން ދިރިއުޅޭ ގޭގެ ފުރާޅު ސާފުކުރުމަށް ފަހު ފައިބަން އުޅުމުގެ ތެރޭގައި ގޭގެ ބޭރަށް، މަގުގައި ހުރި ހޮޅިދަނޑިއެއްގައި އަތްލިތަނާއެވެ.

ކަރަންޓުގައި ޖެހުމާ އެކު ދެ މީހުން މަގުމައްޗަށް ވެއްޓުނު ކަމަށާއި އެ ވެއްޓުނު ގަޑީގައި އެކަކުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާގައި ފަރުވާދެމުންދަނީ، 27 އަހަރުގެ ފިރިހެނަކަށާއި 23 އަހަރުގެ ފިރިހެނަކަށެވެ.