މޯލްޑިވްސް އިސްލާމިކް ބޭންކުން މާލޭގައި އައު އޭޓީއެމްއެއް ހުޅުވައިފިއެވެ. މި އޭޓީއެމް ހުޅުވާފައިވަނީ އޯކިޑްމަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މި އޭޓީއެމްއިން 24 ގަޑިއިރު ޚިދުމަތް ލިބޭނެކަމަށެވެ.
މި އޭޓީއެމް ހުޅުވައިދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ، އަޙްމަދު ރިޒާއެވެ. މިއީ އާބާދީ ބޮޑު މާލޭ ސިޓީގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް އެ ބޭނުންކުން ބުނެއެވެ.
މި އޭޓީއެމަކީ ދިވެހި ރުފިޔާއާއި ޑޮލަރު ޖަމާކޮށް، އަދި ނެގޭގޮތައް ފަރުމާކުރެވިފައިވާ އޭޓިއެމެކެވެ. އެމްއައިބީން ބުނީ މި އޭޓީއެމްގެ ސަބަބުން، ބޮޑެތި އޮފީސް ބްލޮކްތައް ހިމެނޭ މި ސަރަޙައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކީ އެމްއައިބީގެ އެކައުންޓް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެކަމަށެވެ. އަދި މި ސަރަޙައްދަކީ ޖެޓީއާ ކައިރި ސަރަޙައްދަކަށްވުމުން ފަތުރުވެރިންނަށް ވެސް މި ޚިދުމަތްތައް ފަސޭހައިން ބޭނުންކުރެވިގެންދާނެކަމަށް އެ ބޭންކުން ބުނެއެވެ.