ރަނާއި ރިއްސާ ޖަވާހިރަށްވުރެ، ޤައުމާއިގެން ކުރިއަށްދާނެ ހުނަރުވެރި ޢިލްމުވެރިން މުހިންމުކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ، ރަނާއި ރިއްސާ ޖަވާހިރަށްވުރެ، އިންސާނީ ވަސީލަތްތަކުގެ އަގު ބޮޑުކަމަށެވެ. އެގޮތުން ޤައުމާއިގެން ކުރިއަށްދާނެ ހުނަރުވެރި، ޢިލްމުވެރި ކެރޭ ބައެއް ހަގީގަތުގައިވެސް މުޖުތަމަޢަށް މުހިންމުކަމަށް ވިދާޅުވިއެވެ.
"ރަނާއި ރިއްސާ ޖަވާހިރަށްވުރެ އިންސާނީ ވަސީލަތްތައް އަގުބޮޑުކަން، ޤައުމާއިގެން ކުރިއަށްދާނެ ހުނަރުވެރި ޢިލްމުވެރި އަމާނާތްތެރި ކެރޭ ބައެއްގެ މުހިންމުކަން ހަގީގަތުގައި އަޅުގަނޑުމެންނަށް އެވާހަކައިން އެނގިގެންމިދަނީ". ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހަގީގަތުގައިވެސް ކުރަމުންދަނީ ވަރަށް ބޮޑު އިންވެސްޓްމަންޓެއްކަމަށެވެ. ކުލާހަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދެއްވާ މުދައްރިސުންނާއެކު ހޭދަކުރަނީ ވަރަށް އަގުހުރި ވަގުތުތަކެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފިލާވަޅުތަކަށްވުރެ މާ އަގުހުރި ކަންތައްތަކެއް ކުލާސްތެރެއިން ދަރިވަރުންނަށް ދަސްވާނެކަމަށެވެ.
" އެމްއެންޔޫއިން ހަގީގަތުގައިވެސް ކުރަމުންދަނީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް. ކުލާހަކަށް ވަކި ވަގުތުތަކެއްގައި ދަރިވަރުން އައިސް ލެކްޗަރާއިންނާއެކު ތިހޭދަ ކުރެއްވި ވަގުތަކީ ވަރަށް އަގުހުރި ވަގުތުތަކެއް. ފިލާވަޅުތަކަށްވުރެ މާ އަގުހުރި ވާހަކަތައް ކްލާސްތެރޭގައި ދެކެވިފައި ހުންނާނެ". ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ހިޔާވަހިކަމުން ނިކުންނަ ހުރިޙާ ދަރިވަރުންނަކީވެސް ޤައުމަށް ޚިދުމަތްކުރުމުގައި، ޤައުމާއިގެން ކުރިއަށްދާ ބަޔަކުކަމަށްވުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.