ބ. އަތޮޅުގައި އޮންނަ ހަނިފަރު ސަރަޙައްދު މިއަހަރުގެ މަންޓަރރޭ ސީޒަނަށް ތައްޔާރުވަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ހަނިފަރު ސަރަޙައްދަކީ ބ. އަތޮޅުގެ އިރުއުތުރު ބިތުގައި އިރުއުތުރުން މާކަނޑާ ގުޅިފައިވާ ސަރަޙައްދެކެވެ. މިއީ ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދިކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަޙައްދެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގައި ހިމެނޭ ހަނިފަރު ސަރަޙައްދު މިއަހަރުގެ ސީޒަނަށް ތައްޔާރުވަމުންދާކަމަށެވެ.
ކޮންމެ އަހަރެއްގެ މޭ މަހުން ފެށިގެން ނޮވެންބަރު މަހަކީ އެ ސަރަޙައްދަށް އެންމަޑި އަދި ފެހުރި ގިނަ އަދަދަކަށް އަންނަ ދުވަސް ވަރެކެވެ. އެހެންކަމުން އެ ސަރަޙައްދު ބަލަހައްޓައި ރޭންޖަރުން އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ބޫރިން ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
"މަރުޙަބާ ކިޔުމަށް މޫރިން ހަރުކޮށް، އެތަނުގައި މަޑުކޮށްލެވޭ، އަދި ސްނޯކްލީން ކުރެވޭނެގޮތް ޤާއިމްކޮށް ހަނިފަރު ސީޒަނަށް ވަނީ ތައްޔާރުވެފައި." ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ހަނިފަރު ސަރަޙައްދަކީ އަހަރެއްގެ ތެރޭގައި އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ ސަރަޙައްދެކެވެ. ބ. އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފީހުން ވިދާޅުވާ ގޮތުގައި 2024 ވަނަ އަހަރުވެސް 70،000 ވުރެއް ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިންގެ އިތުރުން މި ސަރަަހައްދަށް ޒިޔާރަތްކުރާ ދިވެހިންގެ ނިސްބަތްވެސް އިތުރުވަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް 2000އަށް ވުރެ ގިނަ ދިވެހިން ޒިޔާރަތްކުރާކަން ފާހަގަކުރެއްވިއެވެ.
ބ. އަތޮޅުގައި އެންމަޑި އަރާ އެތައް ސަރަޙައްދެއް ވެއެވެ. އެންމަޑި އާންމުކޮށް ފަތުރުވެރިން ބަލައިއުޅޭ 5 ސަރަޙައްދެއް ބ. އަތޮޅުގައި އޮވެއެވެ. މީގެތެރޭގައި ހަނިފަރުބޭ އެކޭ އެއްވަރަށް އެންމަޑިއާއި ފެހުރިހި އަރާ ސަރަހައްދުތައް މިއަތޮޅުގައި ވެއެވެ.
އޭގެތެރެއިން އެއް ސަރަޙައްދަކީ ދޮންފަނުގެ ހުޅަނގުން އޮންނަ އަނގަފަރެވެ. މީވެސް ބަޔޮސްފިއަރ ރިޒާވްގެ ކޯއޭރިއާގައި ހިމެނިގެން ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތްކޮށް ބަލަހައްޓަމުން ދާ ސަރަހައްދެކެވެ. މި އަތޮޅުގައި އެންމަޑި ބަލާ އަނެއް ސަރަހައްދު ތަކަކީ ހުރާ ފަރާއި ނެލިވަރާއި މާނޭގާ ފަރެވެ.
ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅީ 28 ޖޫން 2011 ގައެވެ. މިއަދާހަމައަށް އައިއިރު، އެއަތޮޅުން ތިމާވެށީގެ ގޮތުންނާއި ކަނޑުގެ ދިރުމުން މުއްސަނދި 10 ސަރަޙައްދެއްވަނީ ޙިމާޔަތްކޮށްފައެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭނެއް ހަދައިގެން ބަލަހައްޓަމުން ގެންދަނީ 4 ސަރަހައްދެކެވެ.