ޚަބަރު

ބޮޑު މޮޅަކާއެކު ޓެންޓް ދެވަނަ ބުރުގެ އުއްމީދުގައި


  • މެޗުން ޓެންޓް މޮޅުވީ 2-8 އިން

  • ފުރަތަމަ ހާފުގައި އެކަނިވެސް ހަތަރު ލަނޑު ޓެންޓުން ޖެހި

މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކްލަބް ޓީނޭޖްގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު، ޓެންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އުއްމީދެއް ހޯދައިފިއެވެ.

މިއީ މި ދެ ޓީމުން ވެސް ދެވަނަ ޑިވިޝަނުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތަރުވަނަ މެޗެވެ. 12 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން، ކޮންމެ ގުރޫޕެއްގައި ހަ ޓީމު ވާދަކުރާގޮތަށް މުބާރާތުގެ ފުރަތަމަ ބުރު ކުޅޭއިރު، ދެވަނަ ބުރުގެ ޖާގައެއް ލިބޭނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމަށެވެ.

މި ދެ ޓީމަށް ވެސް ފުރަތަމަ ބުރުގައި ދެން އޮތީ އެންމެ މެޗެކެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކްލަބް ޓީނޭޖުގެ މައްޗަށް ޓެންޓުން ކުރިހޯދާފައި ވަނީ 2-8 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ޓެންޓުން ހަތަރު ލަނޑު ޖަހާފައިވެއެވެ. އެ ޓީމުން ފުރަތަމަ ލަނޑުޖެހީ މެޗު ފަށައިގެން ތިންވަނަ މިނެޓުގެ ތެރޭގައެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާލިމް އަބްދުލް ޤައްޔޫމެވެ.

ޓެންޓުން 13 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއިރު މި ލަނޑު ކާމިޔާބުކޮށްދިނީ ސިންނަތަންބީ އިޤްބާލެވެ. އޭޣެ ހަ މިނެޓުފަހުން މެޗުގެ 19 ވަނަ މިނެޓުގައި ޔޫސުފް ރައްޔާން ވަނީ މެޗުގައި ޓީނޭޖުން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޓެންޓުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ފުޅާކުރީ 38 ވަނަ މިނެޓުގައެވެ. އަޒްޔަން އިބްރާޙީމް ކާމިޔާބުކޮށްދިން މި ލަނޑާއެކު ޓެންޓުން ލީޑު ފުޅާކުރިއިރު، ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގެ ތެރޭގައި ޝިފާޒް އާދިލް ވަނީ ޓެންޓުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

ތިން ލަނޑުގެ ލީޑެއްގައި، 1-4 އިން ކުރީގައި އޮވެ ޓެންޓުން މެޗުގެ ދެވަނަ ހާފު ފެށިއިރު، 59 ވަނަ މިނެޓުގައި ޙަސަން ނިމާލް ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ 10 މިނެޓުފަހުން އިޤްބާލް ވަނީ ޓެންޓުގެ ހަވަނަ ލަނޑު ޖަހައިދީފައެވެ.

މެޗުގައި ޓެންޓުގެ ހަތްވަނަ ލަނޑު، 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން އާލިމް އެވެ.

ޓީނޭޖުން މެޗުގައި ދެވަނަ ލަނޑު ޖެހީ 72 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން، ޓެންޓުގެ ގޯލް ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޙުސެއިން ޒަޔާން ކާބިޔާބުކުރި ލަނޑެކެވެ.

މެޗުގައި ފެނިގެންދިޔަ ފަހު ލަނޑު އަދި ޓެންޓުގެ އަށްވަނަ ލަނޑު، މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ، އާލިމް ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މޮޅާއެކު ޓެންޓު އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތް ޔުނައިޓެޑް ހެންވޭރިއަންސްއަށް ވެސް އެއް މެޗު މަދުން ކުޅެގެން ހަތް ޕޮއިންޓު ލިބިފައިވާއިރު، ޓެންޓަށް ވަގުތީ ގޮތުން ތާވަލުގެ ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޓެންޓް އަތުން ވީ ބައްޔާއެކު ކްލަބް ޓީނޭޖަށް ވަނީ މުބާރާތުގައި ކުރިއަށް ނުދެވޭނެކަން ޔަގީންވެފައެވެ. އެ ޓީމަށް ހަތަރު މެޗުން އެންމެ ޕޮއިންޓެއް ވެސް ލިބިފައި ނުވާއިރު ބައިކޮޅަށް 20 ލަނޑު ވަދެފައިވެއެވެ.