މޯލްޑިވްސް ބޯޑީބޯޑިން ލީގުގެ އަހަރުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖު 2026 ގެ ފަހުރުވެރި އެއްވަނަ ހޯދައި، އުންމީދީ އެތުލީޓު ޒޯހާ އަލީ ތަރީހުން ޖާގަ ހޯދައިފިއެވެ.
ބުރުނު ޝިކާރުގައި މުޅިން އަލަށް ހިމެނި ޖޫނިއާ އަންހެން ޑިވިޝަނުގެ ހުރިހާ ހީޓެއްގައި އާދަޔާ ހިލާފު ހުށިޔާރުކަމެއް ދެއްކި ޒޯހާގެ ބައްޕައަކީ ރާއްޖޭގެ ކުރީގެ ގައުމީ ޗެމްޕިއަން އަދި މިހާރުގެ ވެޓެރަން އެތުލީޓު އަޒްލީގެވެ. ޒަހާ މި ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި 11.74 ގެ ސްކޯއަކުންނެވެ.
ފީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ޒޯހާ ބުނީ މި ކާމިޔާބީގައި އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން ކޯޗު އަލީ ހުޝްރުވާން އާއި އާމިން ފަދަ އެތުލީޓުންގެ ފަރާތުން ވަރަށް ބޮޑު ހިއްސާއެއް ހިމެނޭކަމަށެވެ. މުޅިން އަލަށް މުބާރާތަކަސް ނިކުމެ ކުރި ހިތްވަރުން މި ލިބުނު ކާމިޔާބީގައި ބޮޑީ ބޯޑިން އެސޯސިއޭޝަނާއި މުބާރާތުގައި ބައިވެރިވި ހުރިހާ އެތުލީޓުންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ޒޯހާ ފާހަގަ ކުރިއެވެ.
ޒޯހާ ބުނީ އޭނާގެ ފުރަތަމަ ޓްރޮފީއާއެކު އުންމީދަކީ މިއަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ ގައުމީ ބޮޑީބޯޑިން އަންހެން ޓީމުން ޖާގައެއް ހޯދުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދުމު އުންމީދު އެބައޮތް ކަމަށެވެ.
ރާއްޖޭގައި މުޅިން އަލަށް ހަގު އުމުރުފުރާތަކުގެ އަންހެން ކުދިންނަށް މިފަދަ ފުރުސަތެއް ބޮޑީ ބޯޑިން ލީގުން ލިބުމަކީ ޒޯހާ އާއި އޭނާގެ އެކުވެރި އެހެން އެތުލީޓުންނަށް އަދި މުޅި ރާޅު ކޮމިއުނިޓީއަށްވެސް ލިބުނު ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއް ކަމަށްވެސް ޒޯހާ ބުންޏެވެ.
27 އޭޕްރީލުގައި ފެށިގެން ކުރިޔަށް ދިޔަ ބުރުނު ޝިކާރު ބޮޑީ ބޯޑިން ޗެލެންޖު މިއަދު ނިންމާލާފައިވާއިރު މުބާރާތުގެ އިނާމުދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ބައެއް ޓްރޮފީތައް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. އެކި ވަނަތަކަށް އައި ބައިވެރިންގެ ތެރޭގައި ޖޫނިއާ އަންހެން ޑިވިޝަނުގެ ދެވަނަ ހޯދީ ފައިނަލްގައި ޒޯހާއާއި ވާދަކޮށް 6.17 ން ފައިނަލް ހީޓުގައި ސްކޯކުރި ޒަހާ ޒައިދުލް ޚަލީލްއެވެ. ތިންވަނަ ހޯދީ ލަޔާން ހުސެއިން އާއި ފާތިމަތު ލައްޔަހު ޝާހިދެވެ.
ޖޫނިއާ މެންސް ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ނޫހު މުހައްމަދު ދުނެއިމް އިރުޝާދެވެ. ދެވަނަ ހޯދީ އިޔަން އަހުމަދެވެ. ތިން ވަނަ ހޯދީ އަހުމަދު ޖިވާއު ޖިހާދު އަދި ދާއިން އަބްދުލް ފައްތާހެވެ.
މެންސް އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މި އިވެންޓުގެ ޓްރޮފީ ހޯދި އާމިން އުމަރު މޫސާއެވެ. ދެވަނަ ހޯދީ އަސްވާން މުހައްމަދެވެ. ތިންވަނަ ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ.
ޑްރޮޕްނީ ޑިވިޝަނުގެ ޗެމްޕިއަންކަން މިހާތަނަށް މި ކެޓަގަރީގެ ޗެމްޕިއަންކަން ހުރިހާ މުބާތެއްގައި ދިފާއުކުރަމުން އަންނަ އެތުލީޓު އަލީ ހުޝްރުވާން އަހުމަދެވެ. ދެވަނަ ހޯދީ އާމިން އުމަރު މޫސާއެވެ. މި ޑިވިޝަނުގެ ތިންވަނަ ހޯދީ ނޫން މުހައްމަދު ދުނެއިމް އިރުޝާދެވެ.
ރާޅުގަނޑު ސަރަހައްދު ރޫޅާލާފައި އޮތް ދުވަސްވަރެއްގައި ނަމަވެސް މިއަހަރު ލީގު މި ފެށުނީ ކުޅީވަރު ވުޒާރާއާއި ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުގައި ކަމަށް ބޮޑީބޯޑިންގ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އެސޯސިއޭޝަނުގެ ރައީސް ހުސެއިން ނިޒާމް ބުނީ މިއަހަރުވެ ކާމިޔާބުކަމާއެކު ބުރުނު ޝިކާރު ނިންމާލެވުނީ މިނިސްޓްރީގެ އިތުރުން އަބަދުވެސް އެއްބާރުލުންދޭ ސްޕޯސަރުންނާއި، ބެލެނިވެރިން އަދި އެތުލީޓުންގެ ވަރަށް ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން ލިބިގެން ކަމަށެވެ.