ޚަބަރު

ނަފްސާނީ ފަރުވާ ހަރުދަނާކޮށް އޯގާތެރި މުޖުތަމަޢެއްގެ މިސްރާބަށް!


  • މާލެ ސަރަޙައްދުގައި މެންޓަލް ހެލްތު ފެސިލިޓީއެއް ޤާއިމުކޮށް ފަރުވާ ހަރުދަނާކުރަނީ

  • ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެކަކު އަނެކަކަށް އަޅާލުން މުހިއްމު

ނަފްސާނީ ސިއްޙަތުގެ ދާއިރާއަކީ ރާއްޖޭގައި މީގެކުރިން މާބޮޑަށް ދެކެވޭ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް މިއަދު މަންޒަރު ބަދަލުވެ ސަރުކާރުގެ އެންމެ މަތީ ސަފުން ފެށިގެން އާންމުންނާ ހިސާބަށް މިކަމުގައި ކަންބޮޑުވުން ހާމަކޮށް ހިތްވަރުދީ، ޙާލަތު ބަދަލުކުރުމުގައި އެހީވުމަށް ތިބިތަން މިއަދު ދަނީ ފެންނަމުންނެވެ.

ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޖެހޭ ބަލިތަކާއި ގުޅިގެން ފަރުވާ ހޯދާ ފަދައިން އެމީހަކަށް ކުރިމަތިވާ ނުތަނަވަސްކަމާއި، ކަންބޮޑުވުމާއި ހާސްކަމަކީވެސް އެކަމަށް ފަރުވާ އޮންނަ ބަލިތަކެވެ. ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުރާލާ ކުރެވޭނެ މުހިއްމު ކަންކަން ހުރެއެވެ. އެގޮތުން ހާސްވެ ކަންބޮޑުވާ ހިނދު އެކުވެރިއަކާއި ނުވަތަ އިތުބާރުކުރެވޭ މީހަކާ އެވާހަކަތައް ހިއްސާކޮށްލުން، ނާމާދުކޮށްލާ ކޮންމެ ލަސްވުމެއްގެ ފަހަތުގައި ހެވެއްވާކަން ހަނދުމަކޮށް، މުސްލިމަކަށްވީތީ މާތްﷲއަށް ފުރިހަމައަށް އިތުބާރުކުރުމަށް ނަފްސު ހޭނުވުމަކީވެސް ކުރެވިދާނެ މުހިއްމުކަމެކެވެ.

އެމީހެއްގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރުން އިތުރު ފަރުވާ އަދި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާ ޙާލަތެއްގައި އެފަދަ އެހީތެރިކަން ހޯދުމަކީ ލަދުވެތިކަމެއް ނޫނެވެ. އެކަމަށް 24 ގަޑިއިރު ޚިދުމަތްދެވޭ ހެލްޕްލައިންގެ ޚިދުމަތް 1677 ރާއްޖޭގައި ވަނީ ޤާއިމުކޮށްފައެވެ. އޮފީސް މާޙައުލުގައި ނުވަތަ ގޭތެރެގެ ޙާލަތާއި ގުޅިގެން ނުވަތަ އެނޫންވެސް ނަފްސާނީ އުނދަގުލެއްވާނަމަ ގުޅާލާ އެހީތެރިކަން ހޯދިދާނެއެވެ.

މިކަމުގައި ރާއްޖެއިން ރަނގަޅު ބަދަލަކާ ދިމާއަށް ދާމަންޒަރު ފެނިގެންދަނީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން ސިޔާސަތުތަކަށް ބަދަލުތައް ގެންނަ މަންޒަރުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ނަފްސާނީ ފަރުވާ ފޯރުކޮށްދޭނެ މަރުކަޒެއް ރާއްޖޭގައި ޤާއިމުކުރުން އަވަސްކުރުމަށް ސީދާ ދައުލަތުގެ ބަޖެޓުން އެކަން ކުރުމަށް ނިންމެވިކަން ހާމަކުރައްވާފައެވެ.

"މިހޮސްޕިޓަލްގެ މަސައްކަތް ނިމެންދެކަވެސް، އަޅުގަނޑުމެންގެ މިހުރި ހޮސްޕިޓަލް ފެސިލިޓީތަކުގައި ވީހާވެސް ބޮޑަކަށް ޚިދުމަތް ދިނުން ވަރުގަދަކުރުމަށް، އަދި މެންޓަލް ހެލްތު ލައިންވެސް އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތައް ބެލުން. އަދި އެލައިން ބެލެހެއްޓޭ ޕްރޮޓޮކޯލްވެސް ވަރުގަދަކުރުން. އަދި އަންނަ ކޭސްތައް ބެލޭގޮތާއި އެއާއި ގުޅިގެން ކްރޮސް އޭޖެންސީކޮށް ކުރަންޖެހޭކަންކަންވެސް އިތުރަށް ކޯޑިނޭޓްކުރުން. އީޖާބީގޮތެއްގައި ބަލައިފިއްޔާ އެބަހުރި ވަރަށް ގިނަ ކަންކަން ރަނގަޅުކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަފްސާނީ ސިއްޙަތުގެ ދާއިރާ ފުޅާކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރަމުންދާއިރު މިކަމުގައި މުޖުތަމަޢުންވެސް މުހިއްމު ކަމެއް ކުރަންޖެހެއެވެ. ޢައިލާ އަދި އެކުވެރިންގެ ތެރޭގައި އަދި މަސައްކަތުގެ މާޙައުލުގައިވެސް ހާސްވެ ކަންބޮޑުވެފައިވާ ނުވަތަ އެކުގައި އުޅޭއިރު ތަފާތު ބަދަލެއް އެމީހެއްގެ މިޒާޖާއި އުޅުމުން އިޙްސާސްކުރެވޭނަމަ ހާލު ބަލާށެވެ. އަޑު އަހާލާނެ ކަންފަތެއް ދޭށެވެ. އިތުބާރުކުރެވޭ ފަދަ މީހަކަށް ވާށެވެ. އެއީ ކުޑަކަމެއްކަމުގައި އާންމުކޮށް އިހްސާސްކުރެވުނަސް އެއީ އެޙާލަތުގައި ހުންނަ މީހަކަށް ނުހަނު ބޮޑު އެހީއެކެވެ.