ޚަބަރު

ވޯލްޑްކަޕް: ގްރޫޕް ސްޓޭޖްގެ ޓިކެޓްތައް އަދިވެސް ނުވިކޭ


އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ޓިކެޓްތައް ހުސްނުވެ އަދިވެސް ފީފާގެ ވެބްސައިޓުން ލިބެން އެބަހުރި އެވެ.

މި ފަހަރުގެ ވޯލްޑްކަޕްގެ މެޗު ޓިކެޓްތަކުގެ އަގު ބޮޑުވުމުގެ ޝަކުވާ ޓިކެޓް ވިއްކަން ފެށުމާއިއެކު ވަނީ ބޮޑުވެފަ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ޓިކެޓް އަގުތައް އުޅެނީ 380 އެމެރިކާ ޑޮލަރުން ފެށިގެން 4105 އެމެރިކާ ޑޮލަރާއި ދެމެދުގަ އެވެ.

އެންމެ އަގުހެޔޮކޮށް 380 ޑޮލަރަށް ވޯލްޑްކަޕްގައި އަލަށް ވާދަކުރާ ކުރަކާއޯ އާއި އައިވަރީ ކޯސްޓްގެ މެޗު ހިމެނޭއިރު ގްރޫޕް ސްޓޭޖުގައި އެންމެ އަގުބޮޑުކޮށް އުޅެނީ އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗެވެ. އެ މެޗުގެ ޓިކެޓްތައް އުޅެނީ 4105 ޑޮލަރަށެވެ.

މިދިޔަ ސެޕްޓެމްބަރ މަހު ފީފާ އިން ވޯލްޑްކަޕްގް ޓިކެޓްތައް ވިއްކަން ފަށާފައިވާއިރު ނުވިކި ބާކީހުރި ޓިކެޓްތައް ފީފާގެ ވެބްސައިޓްގެ "ލާސްޓް މިނިޓް ސޭލްސް" ބައިން ލިބެން ހުންނާނެ އެވެ.

މި ފަހަރުގެ ވޯލްޑްކަޕްގެ ޓިކެޓްތައް ވިއްކުމުގައި ފީފާ އިން ވަނީ ފުރަތަމަ ފަހަރަށް ޑައިނަމިކް ޕްރައިޒިން ނިޒާމަށް ޓިކެޓް ވިއްކަން ފަށާފަ އެވެ. އެހެންކަމުން މެޗު ކުޅޭ ދުވަހާއި ކުޅޭ ޓީމުގެ ތަކުގެ ސަބަބުން ޓިކެޓްގެ އަގުތައް ބަދަލުވާނެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކުޅޭ މެޗު ޓިކެޓުގެ އަގުތައް އުޅެނީ 2475 އާއި 2925 އާއި ދެމެދުގަ އެވެ. އަދި ބްރެޒިލްގެ މެޗު ޓިކެޓުގެ އަގުތައް އުޅެނީ 2280 އާއި 2310 އެމެރިކާ ޑޮލަރާއި ދެމެދުގަ އެވެ.

ވޯލްޑްކަޕްގެ ފައިނަލް މެޗުގެ ޓިކެޓްތައް އަދި ވިއްކަން ފަށާފައެއް ނުވެއެވެ. ނަމަވެސް މުބާރާތުގެ ސެމީ ފައިނަލުގެ މެޗު ޓިކެޓްތަކުގެ އަގުތައް އުޅެނީ 9,660 އާއި 11,130 އެމެރިކާ ޑޮލަރާއި ދެމެދުގަ އެވެ.