ޚަބަރު

އޮސަސޫނާ ބަލިކޮށް ބާސެލޯނާ ލީގު ހޯދުމާ ދެ ޕޮއިންޓް ގާތަށް


ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދުމަށް ބާސެލޯނާއިން ދެ ޕޮއިންޓާ ގަތަށް ޖެހިލައިފި އެވެ.

ބާސެލޯނާ އިން ވަނީ ރޭ އޮސަސޫނާ އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން ޖުމްލަ 88 ޕޮއިންޓް ހޯދާފަ އެވެ.

ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑް އެއް މެޗު މަދުން ކުޅެގެން 33 މެޗުން އެ ޓީމަށް ލިބިފައިވަނީ 74 ޕޮއިންޓެވެ. އެހެންކަމުން ލަލީގައި ރެއާލް މެޑްރިޑް މި ސީޒަނުގައި ކުޅެން އޮތް ބާކީ 5 މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ލިބޭނީ 89 ޕޮއިންޓެވެ. ނަމަވެސް މިއަދު އެސްޕަނިއޯލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުން އެ ޓީމު ބަލިވެއްޖެނަމަ ބާސެލޯނާ އަށް ޗެމްޕިއަންކަން ލިބިގެންދާނެ އެވެ.

ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާސެލޯނާ އަށް މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ އޮސަސޫނާގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފަ އެވެ.

ބާސެލޯނާ އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 81 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި އޭނާ ލީގުގައި ޖެހި 13 ވަނަ ލަނޑެވެ.

މި މެޗުގައި ބާސެލޯނާ އިން ޖެހި ދެވަނަ ލަނޑަކީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން އޮސަސޫނާގެ ރައުލް ގާސިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.