ތަރައްްޤީ

ގާކޮށްޓާއި އަރަބިއްޔާ ހުރިބިމުގައި އެޅި ފްލެޓްތަކުގެ އަގުދެއްކުން


ޢަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ ފްލެޓްތަކަށް ހޮވިފައިވާ މީހުންނަށް މާރކެޓް ވެލިއުއަށްވުރެ ދަށް އަގެއް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީއިން ވިދާޅުވެއްޖެއެވެ.

މިފްލެޓްތަކުގެ ޑިވެލޮޕަރަށް ސަރުކާރުން ދައްކަވަންޖެހޭ 278 މިލިއަން ރުފިޔާ ދައްކަވައި، އެ ފްލެޓްތައް އެޗްޑީސީއާ ސަރުކާރުން މިހާރު ވަނީ ޙަވާލުކުރައްވާފައެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި ފްލެޓްތަކަށް ހޮވިފައިވާ މީހުންނަށް ލިބޭ އެޕާޓްމަންޓް ކަނޑައެޅުމުގެ ގުރުނެގުން މިހަފްތާގައި ކުރިއަށްދާނެއެވެ.

ގާކޮށްޓާއި، ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގައި ސޯޝަލް ހައުސިންގ ޔުނިޓްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑުންނެވެ. އެޕެކްސް ރިއަލިޓީއަކީ އިންޑިޔާގެ ޓާޓާ ކުންފުންޏާއި، އެސް.ޖީ18 ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏެކެވެ. އެކުންފުނިން ވަނީ ޢަރަބިއްޔާ ހުރި ބިމުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި ބިމުގައި 198 އެޕާޓްމަންޓް މިމަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައެވެ. މި ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ވަނީ ނިމިފައެވެ. ފްލެޓްތައް ނިމުނުނަމަވެސް އެތަންތަން ސަރުކާރާއި ޙަވާލުކުރުން ލަސްވެފައިވަނީ އެތަނަށް ސަރުކާރުން ދައްކަންޖެހޭ 278 މިލިއަން ރުފިޔާ ދެއްކުމުން ނޫނީ ޙަވާލު ނުކުރުމަށް އެޕެކްސް ރިއަލިޓީން ކަނޑައެޅުމުންނެވެ. ސަރުކާރުން މި މަޝްރޫޢުގެ ޑިވެލޮޕަރާއެކު ވެވަޑައިގެންފައިވާ އެއްބަސްވުމުގެ ދަށުން ފްލެޓްގެ މަސައްކަތް ނިމޭތާ 90 ދުވަހުގެތެރޭގައި ހުރިހާ ފައިސާއެއް ޑިވެލޮޕަރަށް ދިނުން ލާޒިމްކުރެއެވެ. ސަރުކާރުން މި ފައިސާ ދައްކާ ޚަލާޞް ކުރެއްވުމާއެކު މަސައްކަތުގެ ކޮންޓްރެކްޓަރ މިހާރު ވަނީ ފްލެޓް ސަރުކާރާ ޙަވާލު ކުރައްވާފައެވެ. ސަރުކާރުން މި ފްލެޓްތަކުގެ ކުރިޔަށް ހުރި ކަންކަން ކުރިޔަށް ގެންދިއުމަށް މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރައްވާފައެވެ.

އަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރަތްކުރައްވާފައިވާ ފްލެޓްތަކަށް ސަރުކާރުން ދައްކަވަންޖެހޭ ފައިސާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކުރައްވައި މި ދެއްކެވީ އެކަމަށް ސަރުކާރުން ނިންމެވި ޚާއްޞަ ނިންމެވުމެއްގެ ދަށުންނެވެ. މިކަމުގެ ބޭނުމަކީ ފްލެޓް ލިބޭ ފަރާތްތަކުން ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުޞޫލު ލުއިކޮށްދެއްވުމެވެ.

އެޗްޑީސީގެ ޑިރެކްޓަރ ފައިނޭންސް ޢަލީ ޝަރީފް ވިދާޅުވީ، ގާކޮށްޓާއި ކުރީގެ ޢަރަބިއްޔާ ބިމުގައި ތަރައްޤީކުރެއްވި ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ދައްކާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި އެފަރާތަކަށް ލިބޭނެ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ހައުސިންގ މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ. ޢަލީ ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ފްލެޓްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ބޭންކްތަކާއި ޕެންޝަން ފަންޑު މެދުވެރިކޮށް ކުރެވުނު މަޝްވަރާތަކުން ދަށުން، ފްލެޓްތަކަށް ދައްކަންޖެހޭނީ މިހާރުގެ މާރކެޓް ވެލިއުއަށްވުރެ ދަށް އަގެއް ކަމަށާއި އެ އަގުތައް ވަރަށް އަވަހަށް އެކުންފުނިން ޢާއްމުކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ފައިސާދެއްކުމުގައި އެފަރާތްތަކަށް އިޚްތިޔާރުކުރެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް އޮތް 2 ހަފްތާތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޢަލީ ޝަރީފް ވިދާޅުވިއެވެ.

"ގުރުނަގާ ލިބޭނީ ކޮން ފްލެޓެއް ކަން ލިބެނީ އެނގިގެންދާނެ.. އޭރުން ބޭންކް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ.. ފައިސާ ދެއްކުމަށް ހުރި އޮޕްޝަންތަކުގެ މަޢުލޫމާތު ޙިއްޞާކުރާ އިންފޮމޭޝަން ސެޝަން ބާއްވާނީ ބޭންކްތަކާއި ޕެންޝަން ފަންޑާ ގުޅިގެން. މިސެޝަންތަކުގައި ބޭންކްތަކުން ހުރި އޮޕްޝަންތަކާއި އަދި ޕެންޝަން ފަންޑްގެ ސޭވިންގައި ހުރި ފައިސާ އިން ލާރި ދެއްކުމުގައި އަމަލުކުރެވިގެންދާނެ ގޮތްތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ" އެޗްޑީސީގެ ޑިރެކްޓަރ ފައިނޭންސް ޢަލީ ޝަރީފް ވިދާޅުވިއެވެ.

އެޗްޑީސީއިން ވިދާޅުވީ ފްލެޓް ލިބޭ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައަޅައި ލިޔުން ޙަވާލުކުރުމުން ބޭންކްތަކުން ފައިނޭންޝަލް ސްކްރީނިންގއަށްފަހު ފްލެޓަށް ފައިސާދެއްކުމަށް ލޯނެއް ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން 20 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭނެ ލޯނެއް ހަމަޖައްސައިދޭނެ ކަމަށާއި ފްލެޓް ލިބޭ ފަރާތްތަކުން ފައިސާ ދައްކާނީ މިލޯނު މެދުވެރިކޮށް ކަމަށް ޢަލީ ޝަރީފް ވިދާޅުވިއެވެ.

"މިއީ އެންޑް ޔޫސަރ ފައިނޭންސް.. ވަގުތުން ފްލެޓްގެ އޯނަރޝިޕް ލިބޭނެ.. އެއީ ބޭންކް އިން ލޯން ހަމަޖެހުމުން ބޭންކުން ފްލެޓަށް ފައިސާ ދައްކާނެ ފްލެޓް ލިބޭ މީހާގެ ފަރާތުން.. ދެން ވިހި އަހަރު ދުވަހުގެ މުއްދަތަކީ ބޭންކަށް ފްލެޓް ލިބޭ މީހާ ދައްކަންޖެހޭ ފައިސާ ދައްކަން އޮންނަ މުއްދަތު.. އަޅުގަނޑުމެން ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ހިސާބުން ފްލެޓްގެ ޓައިޓްލް ޓްރާންސްފަރ ކުރާނަން" އެޗްޑީސީގެ ޑިރެކްޓަރ ފައިނޭންސް ޢަލީ ޝަރީފް ވިދާޅުވިއެވެ.

ފްލެޓް ލިބޭނެ ފަރާތްތަކަށް ލިބޭނެ ފްލެޓް ކަނޑައެޅުމަށް ޤުރު ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު އެފަރާތްތަކާއި ޙިއްސާކުރަމުންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. މީގެ އިތުރަށް ފްލެޓްތަކާއި ގުޅިގެން ނިންމަންޖެހޭ ފައިސާގެ މުޢާމަލާތްތައް ނިންމާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.