ޚަބަރު

ތަޖުރިބާކާރު މިޑްފީލްޑަރު ޖުނައިދު، އޮޑި ސްޕޯޓްސް ކުލަބަށް


  • ޖުނައިދު އެންމެފަހުން ކުޅުނީ ބުރު ސްޕޯޓްސް ކުލަބަށް

  • ރަން ކާމިޔާބީ ހޯދި ފުޓްސަލް ޓީމުގައި މުހިންމު ދައުރެއް އަދާކުރި

ދިވެހި ފުޓުބޯޅައިގައި މިވަގުތު އެންމެ ފާހަގަކޮށްލެވޭ އެއް މިޑްފީލްޑަރު ކަމަށްވާ އަބްދުﷲ ޖުނައިދު (ޖެންނޭ)، އެންމެފަހުގެ ލީގު ރަނަރަޕް، އޮޑި ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ.

އޮޑި ސްޕޯޓްސް ކުލަބުގެ އިސް އޮފިޝަލަކު "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖުނައިދު އޮޑިއާ ގުޅުނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އުމުރުން 29 އަހަރުގެ ޖުނައިދު އެންމެފަހުން ކުޅެފައި ވަނީ ބުރު ސްޕޯޓްސް ކުލަބަށެވެ. މިދިޔަ ސީޒަނުގެ ލީގު ތާވަލުގައި ހަތަރުވަނަ ހޯދައި، އެފްއޭ ކަޕުގެ ސެމީގައި ކުޅެފައިވާ ބުރު ސްޕޯޓްސް ކުލަބަށް ކުޅެފައިވާ ޖުނައިދު ވަނީ މީގެކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުރިން ފުރަތަމަ ޑިވިޝަނުގައި އޮތް ދަ ގްރާންޑޭއަށް ވެސް ކުޅެފައެވެ.

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޖުނައިދު އޮޑިއާ ގުޅުނުއިރު، އޮޑިން ވަނީ މިދިޔަ ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. އަދި އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި ވެސް އޮޑި ކުޅެފައިވެއެވެ.

ތިންވަނަ ޑިވިޝަނުން ވިދާލި ޖުނައިދު، މާޒިޔާގެ ޔޫތު ޓީމާއި ސީނިއަރ ޓީމަށް ވެސް ކުޅެފައިވާއިރު އާންމު ގޮތެއްގައި ޖެންނޭ މާޒިޔާ ޓީމުން ފެންނަނީ ބަދަލެއްގެ ގޮތުގަ އެވެ. މާޒިޔާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ޖުނައިދު ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކުޅެފައެވެ.

ރާއްޖޭގެ ސީނިއަރ ގައުމީ ސްކޮޑުގައި ވެސް ހިމެނިފައިވާ ޖުނައިދު އަކީ ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ނަމެކެވެ. އެގޮތުން އޭނާ ވަނީ ރާއްޖެއިން ފުރަތަމަ ފަހަރަށް ފުޓްސަލްގައި ބައިނަލްއަގްވާމީ ތަށްޓެއް ހޯދިއިރު އެ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެއިތުރުން، ރާއްޖޭގައި ބާއްވާ ހައިބަތު ބޮޑު ފުޓްސަލް މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ވެސް އޭނާ އެކިފަހަރު މަތިން ހޯދާފައިވެއެވެ.