ޚަބަރު

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި


  • މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • މިއާއެކު ޚިދުމަތް ހޯދުމަށް ލުއިފަސޭހަވާނެ

  • މިއީ ރާއްޖޭން ބޭރުގައި މި ޚިދުމަތް ދޭން ފެށި ދެވަނަ ޤައުމު

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް ފަށްޓަވައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ވަޑައިގެންނެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު ހައިކޮމިޝަންގެ މަސައްކަތްކުރާ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ.

މީގެ އިތުުރުން ރައީސް ވަނީ ސްރީލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްފަހު ފުރުތަމަ ޕާސްޕޯޓް ލަންކާގައި އުޅޭ ދިވެހި ރައްޔިތަކާ ހަވާލުކޮށްދެއްވާފައެވެ.

ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ޤައުމެވެ. ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހި ދިރިއުޅެމުން އަންނަ ޤައުމަކަށް ވާއިރު މި ދެ ޚިދުމަތާއެކު ލަންކާގައި ތިބެގެން ޕާސްޕޯޓް އަދި އައިޑީކާޑް ލިބޭނެ އިންތިޒާމް މިވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޕާސްޕޯޓާއި އައިޑީކާޑްގެ ޚިދުމަތް ޤާއިމްކޮށްފައެވެ.

ދިވެހި ހައިކޮމިޝަނަށް ޒިޔާރާތް ކުރެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯސަންވިލާއަށާއި ސްރީލަންކާގެ ނެޝަނަލް މިއުޒިއަމްއަށް ޒިޔާރަތްކުރައްވާ، އެތަން ބައްލަވާލައްވާފައެވެ.