ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ނަމުގައި ޖޫނިއަރ އަދި ސީނިއާ އުމުރު ފުރާތަކުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި ކުޅުންތެރިން ސީޑް ކުރުމުގައި އަމަލު ކުރާނީ އެންމެ ފަހުގެ ބައިނަލްއަޤްވާމީ ރޭންކިންއަށް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފިއެވެ.
މާލޭ ސްޕޯޓްސް ކޮމްޕްލެކްސް ނުވަތަ އެކުވެނީގައި ހުންނަ ބެޑްމިންޓަން ހޯލުގައި ކުރިޔަށް ގެންދާ މިމުބާރާތުގައި ވާދަކުރާ ކުޅުންތެރިން ސީޑް ކުރުމުގައި އަމަލުކުރާނެގޮތް، އާންމުކޮށް ބީއޭއެމް އިން ނެރުނު އިއުލާނެއްގައި ވަނީ އެންމެ ފަހުގެ ބައިނަލްއަޤްވާމީ ރޭންކިންގައި ނުހިމެނޭ ކުޅުންތެރިން ސީޑް ކުރުމުގައި ބަލާނީ އެންމެ ފަހުގެ ޤައުމީ ރޭންކިންއަށް ކަމަށެވެ.
ބީޑަބްލިއުއެފްގެ ސަސްޕެންޝަނުން ވީއްލުނު ފަހުން ބީއޭއެމް އިން ބާއްވާ ފުރަތަމަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުޅުން ކުރިޔަށް ދާނީ މިމަހުގެ 6-12 ގެ ނިޔަލަށެވެ. މުބާރާތް ކުރިޔަށްދާނީ ބީޑަބްލިއުއެފް އިން މިދިޔަ މަހު ފާސްކުރި ބައިނަލްއަޤްވާމީ ސްކޯރިން ސިސްޓަމް 3×15 (ފިފްޓީން އިންޓު 3) އަށެވެ. މިއީ މިއީ ސެޓެއް 15 ޕޮއިންޓަށް ކުޅޭ އުސޫލުގެ ދަށުން ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތެވެ.
ނުވަ އަހަރުން ދަށުގެ އުމުރު ފުރައިން ފެށިގެން 19 އަހަރުން ދަށުގެ އުމުރުފުރައާ ހަމައަށް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވާއިރު ފުރަތަމަ ދުވަހު ހަވީރު ކުރިޔަށްދާނީ 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް މެޗުތަކެވެ. އެއަށްފަހު 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް އަދި 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގެ ބައެއް މެޗުތައްވެސް ފުރަތަމަ ދުވަހު ހަވީރަށް ވަނީ ތާވަލުކޮށްފައެވެ.
މި މުބާރާތުގައި ކުޅޭ ބޯޅަ ނުވަތަ ޝަޓްލް ބްރޭންޑަކަށް ހުރިހާ އުމުރު ފުރައެއްގައި ބޭނުން ކުރާނީ ވިކްޓަރ އެންސީއެސް މެކްސް ކަމަށާއި، އަދި އޯޕަން ކެޓަގަރީގައި ބޭނުން ކުރާނީ ފެލެޓް (ސްޕީޑް 77) ކަމަށް ބީއޭއެމް އިން ވަނީ ކަނޑައަޅާފައެވެ. މުބާރާތުގެ ރެފްރީއަކީ އަލީ އަބްދުލް ކަރީމެވެ. ޑެފިއުޓީ ރެފްރީއަކީ ސިޔާދް ހަބީބު އަދި އަހުމަދު ފިރާގެވެ.
މިއީ ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވާ އަހަރުގެ 3 ވަނަ މުބާރާތެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. ހުރިހާ މެޗެއްވެސް އެސޯސިއޭޝަންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، ފޭސްބުކް ނުވަތަ ޔޫޓިއުބުން ވަގުތުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ބީއޭއެމްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެސޯސިއޭޝިއޭޝަން ޗެމްޕިއަންޝިޕްގައި މިއަހަރު ހިމެނެނީ 9 އަހަރުން ދަށް 11 އަހަރުން ދަށް، 13 އަހަރުން ދަށް، 17 އަހަރުން ދަށް، 19 އަހަރުން ދަށުގެ އުމުރުފުރައާއި އޯޕަން ކެޓަގަރީގެ އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އާއި މިކްޑް ޑަބަލްސް އިވެންޓުތަކެވެ.