ޚަބަރު

މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ ސެމިނާއެއް


  • މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެ

  • އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކުގެ މާލީ ދެމެހެއްޓެނިވިކަމާއި މުއައްސަސާތަކުގެ ގާބިލުކަން ވަރުގަދަކުރުމާ ގުޅޭގޮތުން ބާއްވާ ބައިނަލްއަގުވާމީސެމިނާއެއް ފަށައިފިއެވެ.

މިއީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން، އިސާއިން އިންތިޒާމުކޮށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބާއްވާ ސެމިނާއެކެވެ.

ކްރޮސްރޯޑުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ބަނޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމެވެ. މި ރަސްމިއްޔާތުގައި އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން އިސާގެ ވެރިންނާއި، ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މަރިޔަމް ޝިއުނާ އަދި އެކި އިދާރާތަކުގެ މެމްބަރުން ބައިވެރިވިއެވެ.

މި ސެމިނާގައި އޭޝިއާ ސަރަހައްދުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭޖިންގ ޕޮޕިއުލޭޝަން ނުވަތަ އާބާދީ މުސްކުޅިވުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އިތުރުން އިގްތިސާދީ ނުތަނަވަސްކަމާ ގުޅޭގޮތުންވެސް މި ސެމިނާގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެމިނާގެ ތެރެއިން މައިގަނޑު ތިން ދާއިރާއަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމުގެ އިތުރުން މަކަރާއި ހީލަތް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ. މީގެ އިތުރުން، އާބާދީ މުސްކުޅިވުމާ ގުޅިގެން އިތުރުވާ ޚަރަދުތައް ކުޑަކުރުމަށް ގެނެވިދާނެ އިސްލާހުތަކާއި، ކުއްލި ހާލަތްތަކުގައި ނިޒާމު ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލެވޭނެއެވެ.

ހަމަމިއާއެކު، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ޑިޖިޓަލައިޒޭޝަނާއި އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން އިދާރީ ހިންގުން ހަރުދަނާކޮށް، މާލީ ބުރަ ކުޑަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ތަޖުރިބާކާރުން މައުލޫމާތުވެސް މި ސެމިނާގެ ތެރެއިން ހިއްސާކުރުމަށް ހަަމަޖެހިފައިވާ ކަމަށް ޕެންޝަން އޮފީހުން މައުލޫމާތުދެއެވެ.

އިނގިރޭސި ބަހުން ކުރިއަށްގެންދާ މި ޓެކްނިކަލް ސެމިނާގައި އޭޝިއާ، ޕެސިފިކް އަދި ޔޫރޭޝިއާ ސަރަހައްދުގެ އިސާގެ މެމްބަރު ގައުމުތަކާއި ޖަމިއްޔާތަކުން ބައިވެރިވެއެވެ. އަދި މިއީ ސަރަހައްދީ ފެންވަރުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމަށާއި، މިއީ އިސާގެ މެންބަރު ގައުމުތަކުގެ މެދުގައި ތަޖުރިބާ އާއި އައު އީޖާދުތައް ހިއްސާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށްވެސް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.