ޚަބަރު

ކުޅުދުއްފުށީގައި ޓީޓީ ކޭމްޕެއް ބާއްވަނީ


  • މިކޭމްޕް އޮންނާނީ މިމަހުގެ 7 އިން 9އަށް

  • 3 ސްކޫލެއްގެ ދަރިވަރުން ބައިވެރިވާނެ

  • މިކޭމްޕްގައި ކިޔަވައިދޭނީ ކޯޗު ޖުމާނާ

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ އެމްޖީއެމްއެސް މަޝްރޫޢުގެ ދަށުން ހދ. ކުޅުދުއްފުށީގައި ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ ޓީޓީ އިދާރާގެ އެމްޖީއެމްއެސް މަޝްރޫޢު "މައި ޖެންޑަރ މައި ސްޓްރެންތް" އަކީ އަންހެން ކޯޗުން ކުރިއެރުވުމަށް އައިޓީޓީއެފުން ހިންގާ މަޝްރޫޢެކެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދާ މިކޭމްޕްގައި ހަރަކާތްތެރިވާނީ އައިޓީޓީއެފް ކޯޗިންގ ލެވެލް 1 ހާސިލުކޮށްފައިވާ ރާއްޖޭގެ ކުރީގެ ގައުމީ ޓީޓީ ޓީމުގައި ހިމެނުނު ކުޅުންތެރިޔާ އަދި މިހާރުގެ ތަޖުރިބާކާރު ކޯޗު ޖުމާނާ ނިމާލް އާއި ޓީޓީއޭއެމްގެ ކޯޑިނޭޓަރ އައިޝަތު އަލީފާއެވެ.

ބައިނަލްއަގްވާމީ ޓީޓީ އިދާރާގެ އެމްޖީއެމްއެސް މަޝްރޫޢަކީ، މައި ޖެންޑަރ މައި ސްޓްރެންތް"ގެ ނަމުގައި އަންހެން ކޯޗުން ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތިން މަރުހަލާއެއް ފުރިހަމަކުރަން ޖެހެއެވެ.

ޓޭބަލް ޓެނިސް ކުޅުންތެރިން އުފައްދާ ކުރިއަރުވައި، ގްރާސްރޫޓް ލެވެލްއިން ފެށިގެން ތަމްރީނު ޕްރޮގްރާމުތަކުގައި ހަރަކާތްތެރިވާ ކޯޗުންގެ ތެރޭގައި ގިނަ އަންހެނުން ހަރަކާތްތެރިވުމަށް ހިތްވަރުދޭ މި މަޝްރޫޢުގެ ދަށުން ޖުމާނާ ވަނީ މީގެ ކުރިން ދެ މަރުހަލާއެއް ފުރިހަމަކޮށްފައެވެ.

ފޭސް ވަން ނުވަތަ ފުރަތަމަ މަރުހަލާ ފުރިހަމަކުރީ އޮންލައިންކޮށެވެ. ދެވަނަ މަރުހަލާ ފުރިހަމަ ކުރީ އޭޝިއަން ހޯޕްސް ވީކްގައި 2025 ވަނަ އަހަރު ލާއޯސްގައެވެ. ކުޅުދުއްފުށީގައި ހިންގާ ކޭމްޕަކީ މި މަޝްރޫޢުގެ ދަށުން އޭނާ ފުރިހަމަކުރަންޖެހޭ ތިން ވަނަ އަދި ފަހު މަރުހަލާއެވެ.

ޓީޓީ އެސޯސިއޭޝަނުން ބުނީ މިއީ އަތޮޅު ތެރެއަށް ޓީޓީ ފުޅާކުރުމަށް ހިންގާ ކޭމްޕެއް ކަމަށާއި މި ކޭމްޕް އިންތިޒާމުކުރުމުގައި ކުޅުދުއްފުށިން ވަަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

މެއި 7-9 ގެ ނިޔަލަށް ކުރިޔަށް ގެންދާ މިކޭމްޕްގައި ތިން ސްކޫލެއްގެ ދަރިވަރުން ބައިވެރިވާނެއެވެ.

ކުޅުދުއްފުށި ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން ކޯޗުންނަށްވެސް ޓޭބަލް ޓެނިހުގެ އާންމު ހުނަރުތައް މި ކޭމްޕުގައި ދަސްކޮށްދޭނެއެވެ. އަދި ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށް އިތުރަށް ކުރިޔަށް ދިއުމަށް ދަސްކޮށްދޭން ޖެހޭ އުކުޅުތައް ކުދިންނަށް ބުނެދީ ޓީޓީއަށް މި ކުދިންގެ ޝައުގުވެރިކަން އުފެއްދުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ މައުލޫމާތާއި ހުނަރު މި ކޭމްޕުގެ ބައިވެރިންނަށް ލިބޭނެއެވެ.

މުޅި ރާއްޖެގައި ޓީޓީ ކުޅުންތެރިން އުފައްދައި މި ކުޅިވަރުގެ މަގްބޫލުކަން އިތުރުކޮށް ތުއްތު އުމުރުފުރާތަކުގެ ދަރިވަރުންގެ މެދުގައި ޝައުގުވެރިކަން އިތުރުކުރުމަކީ އެސޯސިއޭޝަންގެ ބޮޑު އަމާޒެކެވެ. އެގޮތުން އެސޯސިއޭޝަނާއި ކައުންސިލްތައް ގުޅިގެން މިހާރު އައްޑޫ އާއި ފުވައްމުލައް ސިޓީގައި އަންނަނީ ވައިޑީޕީ ޕްރޮގްރާމް ހިންގަމުންނެވެ.